ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ރައީސް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ދިވެހި ރާއްޖޭގެ ޤާނޫނުލްޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަން ހާމަކުރައްވާފައެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ މިއަދު ކުރެއްވި ޓުއީޓެއްގެ ޒަރީޢާއިންނެވެ.

އޮންލައިންކޮށް ޖުވާކުޅުމާއި، ގޮތްނޭނގޭ ތަފާތު އިސްކީމުތަކުގައި ބައިވެރިވުމަކީ މިހާރު ރާއްޖޭގައި އާންމުކޮށް ހިނގަމުންދާ ކަމެކެވެ. މިފަދަ ޢަމަލުތަކުގެ ނުރައްކާތެރިކަމަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ހުކުރު ޚުތުބާގައިވެސް އެތައް ފަހަރަކު އަލި އަޅުވާލާފައިވެއެވެ.

މި ބިލު މަޖިލީހަށް ފޮނުއްވި އިރު، ސަރުކާރުން ވަނީ ޑްރަގް އައްޑާތަކާއި އެ ވިޔަފާރީގައި އުޅޭ މީހުންނާ ދެކޮޅަސްވެސް ހަރުކަށި ފިޔަވަޅުއަޅަން ފަށާފައެވެ. ރާއްޖޭގައި ޑްރަގް ވިޔަފާރި ކުރާ އައްޑާތަކުގައި ޖުވާ ކުޅުމުގެ ޖަރީމާ ހިނގަމުންދާ ކަމަށް ފަހުން ފެނިފައިވާ ރެއިޑްތަކުން ވެސް އެނގިފައިވެއެވެ. އަދި އޮންލައި ކެސިނޯތަކުގައިވެސް ދިވެހިން ހަރަކާްތތެރި ވެއެވެ. އެފަދަ އެޕްތައް އަދި ރާއްޖޭގައި މަނާކޮށްފައެއް ނުވެއެވެ.

މި ބިލު މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު، ޤާނޫނުލް ޢުގޫބާތަށް ގެނެވޭ މި އިސްލާޙުގެ ސަބަބުން ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަގު ފަހިވެގެންދާނެއެވެ.

ހިއްސާ ކުރައްވާ!