ޕާކިސްތާނުގެ ސިޔާސީ ނިޒާމަކީ އިންތިޚާބުވެފައިވާ ވެރިންނަށްވުރެ ބޮޑަށް އެ ގައުމުގެ ސިފައިންގެ އިސްވެރިންނާއި، ބޭރުގެ ބާރުތަކަށް ބަރޯސާވެފައިވާ ނިޒާމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. މި ނިޒާމަކީ ވެރިކަން ކުރުމުގެ ނިޒާމު އެކި "ފަށަލަތަކަކަށް ބެހިފައިވާ ބަރޯސާވުމުގެ" ނިޒާމެއް ކަމަށް ސިފަކުރެވެއެވެ. އެގޮތުން ސިފައިން ބައިނަލްއަގުވާމީ ގޮތުން ބާރުގަދަ ފަރާތްތަކާ މުއާމަލާތްކޮށް ހަދައެވެ. އަދި ސިޔާސީ ލީޑަރުން ޖެނެރަލުންނަށް ބޯލަނބައި ލައެވެ. އަދި އާންމު ރައްޔިތުންނަށް އެމީހުން ލާވޯޓުގެ ބާރާމެދު ސުވާލު އުފެދޭ ހިސާބަށް މި ބޯލެނބުން ގޮސްފައިވެއެވެ. ނަމަވެސް، ޑިމޮކްރެޓިކް ނިޒާމެއްގައި ޖަވާބުދާރީ ކުރުވުމަށްޓަކައި، ސިވިލް ސޮސައިޓީއަކީ އަދިވެސް އުއްމީދުގެ ހުޅު ކޮޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ޕާކިސްތާނުގެ ތާރީޚަށް ބަލާއިރު، މިހާތަނަސް އެއްވެސް ބޮޑުވަޒީރަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމައެއް ނުކުރެވެއެވެ. މިކަމުގެ ސަބަބަކީ، ގައުމުގެ ސަލާމަތީ ކަންކަމާއި، ޚާރިޖީ ސިޔާސަތުތަކާއި، އަދި އިގްތިސާދީ ނިންމުންތައް ވެސް ގިނަ ފަހަރަށް ކޮންޓްރޯލް ކުރަނީ ރާވަލްޕިންޑީގައި މަރުކަޒު ވެފައިވާ އަސްކަރިއްޔާގެ އިސް ޖެނެރަލުން ކަމަށް ވާތީއެވެ. ސިޔާސީ ލީޑަރުންނަށް، ވެރިކަން ކުރުމަށް ފުރުސަތު ދެވެނީ، ސިފައިންގެ ވީޓޯ ބާރަށް ގޮންޖަހާފައި ނުވާ ހާލަތެއްގައި އެކަންޏެވެ. މިކަމުގެ ސަބަބުން ޕާކިސްތާނުގައި އުފެދިފައިވަނީ މައްސުނި ވެރިކަމުގެ އާދަޔާ ޚިލާފް ސިފައިންނާއި މަދަނީން ބާރުތައް ބަހައިގެން އުޅޭ ދެ ބާރެއް އެކުލެވޭ ވެރިކަމުގެ ނިޒާމެކެވެ.
ޕާކިސްތާނަކީ އެގައުމުގެ ސްޓްރެޓީޖިކް ޖިއޮގްރަފީއާއި އެހެން ގައުމުތަކަށް ދޭ އަސްކަރީ ޚިދުމަތްތަކުގެ މުގާބިލުގައި އެހީތެރިކަން ހޯދާ ގައުމެކެވެ. ތާރީޚީ ގޮތުން ބަލާއިރު، ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ޓެރަރިޒަމާ ދެކޮޅަށް ކުރި ހަނގުރާމައިގައި ވެސް ޕާކިސްތާނުން ވަނީ އެމެރިކާއިން އެހީތެރިކަން ހޯދައިފައެވެ.
މިހާރު ޕާކިސްތާނުން ވަނީ ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުތަކަށް ބަރޯސާވެ ފައެވެ. އަދި ގަލްފުގެ ގައުމުތަކުން ތަކުރާރުކޮށް އިގްތިސާދީ ގޮތުން ދިމާވާ ދަތިތަކުން ސަލާމަތް ވުމަށް ހައްލު ހޯދާފައެވެ. މިފަދަ ބޭރުގެ ބަރޯސާވުންތަކުގެ ސަބަބުން ގައުމީ ނިންމުންތައް ނިންމުމުގައި މިފަރަތްތަކާއި އެފަރާތްތައް ތަމްސީލު ކުރާ ބާރުތަކުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރައެވެ.
2024 ވަނަ އަހަރު ޕާކިސްތާންގެ އާންމު އިންތިޚާބުގައި މޯބައިލް ނެޓްވޯކްތައް ކަނޑާލައި، ނަތީޖާ އިއުލާނުކުރުން ލަސްވެގެން ދިޔައެވެ. އަދި އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުތައް ކުރެވުނެވެ. މިކަމުގެ ސަބަބުން ވެރިކަން ހިންގުމުގެ ނިޒާމުގައި އާންމުންގެ އިތުބާރު އިތުރަށް ގެއްލިގެންދިޔައެވެ.
އޭގެ ފަހުން، 2025 ވަނަ އަހަރު ޖެނެރަލް އާސިމް މުނީރަށް ފީލްޑް މާޝަލްގެ މަގާމު ދިނުމާއި، ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން ސިފައިންގެ ވެރިޔާގެ ބާރުތައް އިތުރުވެފައި ވެއެވެ. އަދި ގާނޫނުއަސާސީއަށް ގެނައި ބަދަލުގައި ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމުން ޝަރުއީ މިނިވަންކަން ބަލި ކަށި ވެގެން ދިޔައެވެ.
ޕާކިސްތާންގައި ސިފައިންގެ ބާރުގަދަވުމާއި، ސިޔާސީ ހައްގުތައް ހަނިކުރުމާ ދެކޮޅަސް ނިކުމެފައި ވަނީ ޕާކިސްތާނުގެ ވަކީލުންނާއި، ނޫސްވެރިންނާއި، އާންމު ރައްޔިތުންނެވެ. އަދި ދެކޮޅު ހެދުމަށް އާންމުން ބާއްވާ މުޒާހަރާތަކާއި ގާނޫނީ މަގުން ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ސިފައިންގެ ނުފޫޒަށް ގޮންޖަހަމުންދެއެވެ. ޕާކިސްތާންގައި ސިވިލް ސޮސައިޓީއަކީ ޑިމޮކްރަސީގެ އަސާސްތައް ދިރުވައި، ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްކުރުމަށް ހަރަކާތްއތެރިވާ މުހިންމު ބަޔެކެވެ.







