ބަންގްލަދޭޝްގެ ޕާލިމެންޓް އުވާލައި، ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިސްތިއުފާ ދެއްވުމާއި، އަދި އެއަށްފަހު މިހާރު، ސިޔާސީ ޕާޓީތައް ބައިބައިވެފައިވާ މި ދަނޑިވަޅުގައި، އެ ޤައުމުގެ މުސްތަޤުބަލާ މެދު ސުވާލު އުފެދެއެވެ. ބަނގްލަދޭޝްގެ ސިޔާސީ މަސްރަހު މިހާރު އޮތީ ވަރަށް ބޮޑު ހުސްކަމެއްގެ ތެރޭގައި ކަމަށް އެނަލިސްޓުން ބުނެއެވެ. މިއިންތިޚާބު އޮންނާނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ސިޔާސީ އެކި ފަރާތްތަކުން ގެންދަނީ އިންތިޚާބުގެ އިތުބާރެއް ނެތް ނެތްކަމަށް ބުނެ މެދު ސުވާލު އުފައްދަމުންނެވެ.
މިހާރު ވެރިކަން ކުރަމުންދާ ޔޫނުސްގެ ވަގުތީ ސަރުކާރަށް ވަނީ މިނިވަން، އިންސާފުވެރި އަދި ހުރިހާ ފަރާތްތަކެއް ބައިވެރިވާ އިންތިޚާބެއް ބޭއްވުމަށް ފިއްތުންތައް ކުރިމަތިވެފައެވެ. ނަމަވެސް، މި އިންތިޚާބު އިތުބާރު ހުރި ގޮތަކަށް ކުރިއަށް ގެންދެވޭނެތޯ ނުވަތަ އެއްގޮތަކަށް ވެސް ނުބޭއްވޭނެތޯ އާ މެދު އުފެދިފައިވާ ސުއާލުތައް ގިނައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، އިތުބާރު ހުރި އިންތިޚާބެއް ބޭއްވޭނީ ހަމައެކަނި ޤާނޫނުއަސާސީން ކަނޑައަޅާފައިވާ، ސިޔާސީ ނުފޫޒު ނެތް ވަގުތީ ސަރުކާރަކުންނެވެ. މިފަދަ ސަރުކާރަކުން މެނުވީ ޑިމޮކްރެޓިކް ޝަރުޢިއްޔަތު އަނބުރާ ޤާއިމު ނުކުރެވޭނެ ކަމަށް މުހައްލިލުން ބުނެއެވެ.
ކުރިން ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުގައި ވަރަށް ބޮޑު ނުފޫޒެއް ފޯރުވި އަވާމީ ލީގު ޕާޓީ މިހާރު އޮތީ އަލުން އިންތިޒާމުވުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. މުހައްލިލުންނާއި ބަނގްލަދޭޝްގެ ސިޔާސީމަސްރަހު ދިރާސާ ކުރާ ފަރަތްތަކުން ބުނާ ގޮތުގައި އެ ޕާޓީގެ 35 އިންސައްތަ އާއި 40 އިންސައްތައާ ދެމެދުގެ ވޯޓު ލާ މީހުން އިންތިޚާބުގައި ބައިވެރި ނުވާން ނިންމައިފިނަމަ އިންތިޚާބުގެ ނަތީޖާ ސައހައެއް ނުވާނެއެވެ.
އަނެއްކޮޅުން، 2006 ވަނަ އަހަރުން ފެށިގެން ވެރިކަމުން އެކަހެރިކޮށްފައިވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެ ޕާޓީގެ އެކްޓިންގ ޗެއަރޕާސަން، ތާރިޤް ރަޙްމާން، އަދިވެސް އިނގިރޭސިވިލާތުގައި އަރުވާލެވިފައި ހުންނެވުމުން އޭނާ އެނބުރި ޤައުމަށް ވަޑައިގަތުމާއި، ޕާޓީ އިންތިޚާބަށް ތައްޔާރުވުމާ މެދު ސުވާލުތައް އުފެދެއެވެ.
ސިޔާސީ މަސްރަހުގައި ފާހަގަކުރެވޭ އަނެއް ޚާއްސަ ކަމަކީ އިސްލާމީ ފިކުރުގެ ޕާޓީ ޖަމާޢަތޭ އިސްލާމީ އަލުން ބާރުގަދަވުމެެވެ. އެ ޕާޓީން ވަނީ ޔުނިވަރސިޓީތަކާއި، ބޭންކުތަކާއި، ސިވިލް އެޑްމިނިސްޓްރޭޝަންގެ ތެރޭގައި ނުފޫޒު ވަރުގަދަކޮށްފައި ކަމަށް އެނަލިސްޓުން ބުނެއެވެ. މިކަމުގެ ސަބަބުން ބީއެންޕީއަށް ލިބޭ ތާއީދު ކުޑަވެފައިވެއެވެ. ޖަމާޢަތުން އިންތިޚާބުގައި ބައިވެރިވާނެކަން އަދި ސާފުކޮށް ހާމަކޮށްފައެއް ނުވެއެވެ.
ސިޔާސީ ހަލަބޮލިކަމުގެ އިތުރުން، ބަންގްލަދޭޝް މިހާރު ކުރިމަތިލާފައިވަނީ ބޮޑު އިޤްތިޞާދީ ކާރިސާއަކާ އެވެ. 353 އަށް ވުރެ ގިނަ ފެކްޓަރީ ވަނީ ބަންދުކޮށްފައެވެ. ވަޒީފާ ނެތް މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އަދި ބޭރުގެ އިންވެސްޓްމަންޓް މަދުވެ، ތަޢުލީމާއި ދިރިއުޅުމުގެ ޙާލަތު ވަނީ ގޯސްވެފައެވެ. މިކަންކަމުގެ ސަބަބުން އާންމުންގެ ނުރުހުން ދަބނީ އިތުރު ވަމުންނެވެ.
މި ހުރިހާ ކަމަކާ އެކު، ބަންގްލަދޭޝްގެ ސިޔާސީ އަދި އިޤްތިޞާދީ މުސްތަޤުބަލު އޮތީ ވަރަށް ބޮޑު ގޮތް ނޭނގުމެއްގެ ތެރޭގައެވެ.






