އެމެރިކާއަށް ދާ ފަތުރުވެރިން ފަސް އަހަރުގެ ސޯޝަލް މީޑިއާ ހިސްޓަރީ ހުށަހަޅަން ޖެހޭނެ

އެމެރިކާއަށް ޒިޔާރަތްކުރާ ބިދޭސީ ފަތުރުވެރިންގެ ސިޔާސީ ވިސްނުން ސެންސަރު ކުރަން އެމެރިކާއިން ނިންމައިފިއެވެ. އެގޮތުން އެމެރިކާއަށް އެތެރެވާ ފަތުރުވެރިންގެ ފަރާތުން ފާއިތުވެދިޔަ 5 އަހަރުގެ ސޯޝަލް މީޑިއާ ބޭނުންކުރި ގޮތުގެ ތަފްސީލު ހުށަހަޅަން ޖެހޭ ގޮތަށް އެގައުމުގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އިން އާ ގަވާއިދެއް އިއުލާންކޮށްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި 2028 ވަނަ އަހަރުގެ އޮލިމްޕިކްސްއާ ދިމާކޮށް، އެމެރިކާއަށް ލައްކައެއްހާ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭތީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަންގެ ކަންކަން ހަރުކަށި ކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.

ސީބީޕީން އަންގާރަ ދުވަހުގެ ރޭ އިއުލާންކުރި މި އާ ގަވާއިދުގައި ބުނެފައި ވަނީ:

  • 5 އަހަރު މީސްމީޑިއާ ބޭނުން ކުރިގޮތާއި އަައިޑީތައ ހުށަހެޅުން؛
  • ފަތުރުވެރިން ފާއިތުވި ދިހަ އަހަރު ބޭނުން ކުރި އީމެއިލް އެޑްރެސްތައް ދިނުން؛
  • ގާތްތިމާގެ މީހުންގެ ތަފްސީލުތައް ވެސް ހިއްސާކުރަން ޖެހުން؛
  • ވިސާ ނެގުމަކާ ނުލައި އެމެރިކާއަށް އެތެރެވާ މީހުންގެ މައްޗަށްވެސް މި ގަވާއިދު ހިނގާނެ ކަމަށް ބުނެފައި ވެއެވެ.

އެމެރިކާގެ ބޯޑަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން މިފަދަ މައުލޫމާތުތައް އެއްކުރުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.

މިދިޔަ ޖޫން މަހު ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ވަކި ބާވަތްތަކުގެ ވިސާގައި ދަތުރުކުރާ ފަތުރުވެރިން އެމީހުންގެ ސޯޝަލް މީޑިއާ ޕްރޮފައިލްތައް އާންމުކުރަން ޖެހޭ ގޮތަށް ހަދައި އެކަން އިއުލާންކޮށްފައެވެ.

މިހާރު، ވިސާއާ ނުލައި އެމެރިކާއަށް އެތެރެވެވޭ ގައުމުތަކުން އެމެރިކާއަށް ވަންނަން ހުށަހަޅާ މީހުން އިލެކްޓްރޯނިކް ސިސްޓަމް ފޮރ ޓްރެވަލް އޮތޮރައިޒޭޝަން (އީސްޓާ) ޕްރޮގްރާމަށް އެދެން ޖެހެއެވެ. އަދި އެކަމަށް 40 ޑޮލަރު ދައްކަންވެސް ޖެހެއެވެ. އަދި އޭގެ އިތުރުން  އީމެއިލް އެޑްރެސް، ގޭގެ އެޑްރެސް، ފޯނު ނަންބަރު އަދި ކުއްލި ހާލަތުގައި ގުޅާނެ މީހެއްގެ ތަފްސީލު ވެސް ހުށަހަޅަން ޖެހެއެވެ.

އެ މައުލޫމާތު ހުށަހެޅުމުން ދެ އަހަރަށް އެމީހުންނަށް އެމެރިކާއަށް ދަތުރުކުރުމުގެ ހުއްދަ ލިބެއެވެ.
އާ ގަވާއިދުގެ ސަބަބުން މި މައުލޫމާތުތަކުގެ އިތުރުން ފާއިތުވި ފަސް އަހަރުގެ ސޯޝަލް މީޑިއާގެ ތަފްސީލުތައް ވެސް ހިމަނަން ޖެހޭނެއެވެ،

ހިއްސާ ކުރައްވާ!