ނުރައްކާތެރި ކުށްތަކުގައި ދައުވާ ލިބޭ މީހުން ނިސްބަތްވާ ގުރޫޕްތަކާއި އެ މީހުންގެ އާއިލާ، އަދި ދިފާއީ ވަކީލުންވެސް ހެކިވެރިންނަށް އެކި ގޮތްގޮތުން ބިރުދެއްކުން އާއްމުވެއްޖެކަމަށް ކުރިމިނަލް ކޯޓޫގެ ގާޒީ އާލީ އާދަމް ވިދާޅުވުމުން އޭނާގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
ގާޒީ އަލީ އާދަމް މިކަން ފާހަގަކުރައްވާފައިވަނީ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގައި، ދައުވާ ލިބުނު ހަމްދޫން ހަމްޒަތުގެ މައްޗަށް އިއްވި ހުކުމުގައެވެ. އެ ހުކުމުގައި ގާޒީ ވިދާޅުވެފައިވަނީ ނުރައްކާތެރި ކުށްތަކުގެ މައްސަލާގައި ހިމެނޭ ހެކިވެރިން ހެކިބަސް ދިނީ ކޮން ބައެއް ކަން ޔަގީން ނުވާ ހާލަތުގައި ހުރެ ދިން ހެކިކަމަށް ބުނެ ބާތިލުކުރަން އެދެމުން އަންނަ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް މިގޮތަށް އަމަލުކުރާ ހިނދު ހެކިންނަކީ އެ މައްސަލައެއްގައި ހިމެނޭ އެންމެ މުހިއްމު ހެކިންނަށްވާކަންވެސް އެ ހުކުމުގައި ފާހަގަކުރައްވާފައިވެއެވެ.
ގާޒީ އަލީ އާދަމް ވިދާޅުވެފައިވާ ގޮތުގައި، ހެކިން ހެކިބަސް އަނބުރައި ނަގަނީ ގޭންގުތަކުންނާއި އެމީހުންގެ އާއިލާތަކުންނާއި ދިފާއީ ވަކީލުން ބިރު ދައްކަމުން ގެންދާތީއެވެ.
"މި ފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕުގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލާތުކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރު ދައްކާ ފުރާނައަށް ނުރައްކާވާނެ ފަހަ ހަމަލާއެއް ދޭނެކަމަށް ބުނެ އިންޒާރު ދީ ހަދާކަން ދިވެހި ރާއްޖޭގެ ހައިކޯޓުގެ ގަސިއްޔާއަކަށް ބެލުމުން އެގެން އޮންނައިރު މިކަމަކީ ހިނގާކަމެއްކަމާއި އަދި މީ ޖިނާއީ އަދުލްގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް މިވަނީ ވެފައި." ކްރިމިނަލްކޯޓުގެ ހުކުމުގައި ގާޒީ އަލީ އާދަމް ލިޔުއްވާފައިވެއެވެ.
ގާޒީ އަލީ އާދަމްގެ މި ވާހަތަކާއި ގުޅިގެން އޭނާގެ ސުލޫކީ މައްސަލައެއް ބަލާދިނުމަށް ޖޭއެސްސީއަށް ހުށައެޅީ ވަކީލުންތަކެކެވެ. އެހެންނަމަވެސް މި މައްސަލަ ބަލަން ޖޭއެސްސީން ނިންމި ކަމެއް އަދި ސާފެއް ނުވެއެވެ.
ގާޒީ އަލީ އާދަމް ހުކުމްގައި ފާހަގަކުރި ކަންކަން ކުށްވެރިކޮށް، ބާ ކައުންސިލުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ގާޒީ އަލީ އާދަމް ހުކުމްގައި ބަޔާންކުރެއްވި އިބާރާތަކީ ހެއްކެއްގެ މައްޗަށް ނުވަތަ އެ މައްސަލައިގެ ވަކީލުގެ ފުށުން ހިނގާފައިވާ ވަކި އަމަލެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތް ކުރާ ގާނޫނީ ވަކީލުންނަށް އަމާޒު ވެގެން ދިޔަ ކަމެއް ކަމަށެވެ.





