މާޅޮސްމަޑުލު އުތުރުބުރި ދުވާފަރަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ދުވާފަރަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ރައީސްގެ މި ދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި، ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.





