އިންޑިއާގެ ފުރަތަމަ ޕްރައިވެޓް ރޮކެޓް ސްކައިރޫޓް ދެ މަސް ތެރޭގައި އުދުއްސާނެ

އިންޑިއާގެ އަމިއްލަ ސްޕޭސް ސެކްޓަރގެ ތާރީޚީ މަރުޙަލާއެއް ފެށުމަށްޓަކައި، ހައިދަރުއާބާދުގައި އުފައްދާފައިވާ ސްކައިރޫޓް އެއަރޯސްޕޭސް އިން ވަނީ އެ ކުންފުނީގެ ވިކްރަމް-1 ރޮކެޓް އުދުއްސުމަށް ތައްޔާރު ކުރުމަށް ގެންގޮސްފައެވެ، މި ރޮކެޓް ގެންގޮސްފައި ވަނީ ސްރީހަރިކޯޓާގެ ސަތީޝް ދަވަން ސްޕޭސް ސެންޓަރަށެވެ.

ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މި ރޮކެޓް ފުރަތަމަ ފަހަރަށް އުދުއްސުމަށް ތައްޔާރުވަމުންދާ ކަމަށް ސްކައިރޫޓުން ބުނެއެވެ. މިއީ، އިންޑިއާއިން އަމިއްލަ ކުންފުނިތަކަށް އޯބިޓަލް މިޝަނެއްގައި ރޮކެޓެއް ފޮނުވާލުމަށް ފުރަތަމަ ފަހަރަށް ހުއްދަދޭ މަސައްކަތެކެވެ.

މިހާރު، ވިކްރަމް-1 ރޮކެޓް ވަނީ ސްރީހަރިކޯޓާގައި އެސެމްބަލްކޮށް އޭގެ އެންމެ ފަހުގެ މަރުހަލާތައް ފަށާފައެވެ. ސްކައިރޫޓްގެ ކޯ-ފައުންޑަރ ބާރަތް ދާކާ ވިދާޅުވީ، ހުރިހާ ކުދި ސިސްޓަމްތައް އެއްކޮށްލައި މަހެއްގެ ތެރޭގައި ތައްޔާރު ކޮށްލެވޭނެ ކަމަށެވެ. އޭގެ ފަހުން ރޮކެޓް އުދުއްސުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އަދި ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

ދާދި ފަހުން ސްކައިރޫޓް އިން ވަނީ 200,000 އަކަފޫޓުގެ "އިންފިނިޓީ ކެމްޕަސް" އެއް ހުޅުވާފައެވެ. މިއީ އިންޑިއާގެ އަމިއްލަ ސްޕޭސް ވިޔަފާރީގައި އެ ކުންފުނީގެ ބޮޑެތި އަމާޒުތައް ހުރިކަމުގެ ހެއްކެކެވެ.

މި ފުރަތަމަ ދަތުރުން މުހިންމު މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ. އެ މައުލޫމާތު ބޭނުންކޮށްގެން މުސްތަޤްބަލުގެ ރޮކެޓްތައް އިތުރަށް ތަރައްޤީ ކުރެވޭނެއެވެ.

އިންޑިއާއަށްޓަކައި ވިކްރަމް-1 ރޮކެޓް އުދުއްސުމަކީ ހަމައެކަނި ފަންނީ ކުރިއެރުމެއް ނޫނެވެ. މިއީ ވިޔަފާރީގެ ބޭނުމަށް ޖައްވީ ދަތުރުތައް ކުރިއެރުވުމަށްޓަކައި އިންޑިއާއިން އަޅާ ފިޔަވަޅެކެވެ. އަދި އަމިއްލަ ކުދި ކުންފުނިތަކަށް ޖައްވީ މަސައްކަތުގައި އުޅުމަށް ދެވޭ ފުރުސަތެކެވެ.

މި ރޮކެޓް އޭގެ އޯބިޓަށް ނުފޯރިނަމަވެސް އިންޑިއާގެ އަމިއްލަ ސްޕޭސް ދާއިރާގެ އަމާޒުތައް ދައްކުވައިދޭ މުހިންމު ކަމެއްގެ ގޮތުގައި މި ދަތުރު ފެނިގެން ދާނެއެވެ.

ވިކްރަމް-1 އަކީ ކުދި ސެޓެލައިޓްގެ ވިޔަފާރިއަށް ޚާއްސަކޮށް ބިނާކޮށްފައިވާ ހަތަރު ސްޓޭޖުގެ ރޮކެޓެކެވެ. މީގައި ހިމެނެނީ ސޮލިޑް ޕްރޮޕަލްޝަންއާއި އެޑްވާންސްޑް ގައިޑެންސް އަދި ކޮންޓްރޯލް ސިސްޓަމްތަކެކެވެ.

ފުރަތަމަ ދަތުރުގައި، ރޮކެޓުގެ ޖުމްލަ ޕޭލޯޑް ކެޕޭސިޓީގެ ގާތްގަނޑަކަށް 25 ޕަސެންޓް ލޯ އާތް އޯބިޓަށް އުފުލާނެއެވެ. މިއީ ފުރަތަމަ ފަހަރަށް ދުއްވާ ރޮކެޓްތަކުގައި ނުރައްކާ ކުޑަކުރުމަށް އާންމުކޮށް ބޭނުންކުރާ އުކުޅެކެވެ.

މި ދަތުރަށް ތައްޔާރުވުމުގެ ގޮތުން، އިންޖިނިއަރުން އަންނަނީ ސިމިއުލޭޝަންތަކާއި ރިހާސަލްތައް ކުރަމުންނެވެ. މިގޮތުން، ރޮކެޓް އުފުލި، ސްޓޭޖްތައް ވަކިވާއިރު، ގްރައުންޑް ސިސްޓަމްތަކުން އެކަމުގެ ކަންކަން ރަނގަޅަށް މޮނިޓަރ ކުރެވޭނެކަން ކަށަވަރުކުރަމުންދާނެއެވެ.

ހިއްސާ ކުރައްވާ!