އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޮމާނަށް ކުރައްވާ ދަތުރުފުޅަކީ ދެގައުމުގެ ގުޅުމަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް އޮމާންގެ ސަފީރު ވިދާޅުވެއެވެ. މި ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 70 އަހަރު ފުރުމާ ދިމާކޮށް ކުރިއަށް ގެންދާ ދަތުރުފުޅެކެވެ.
އިންޑިއާގައި ހުންނަވާ އޮމާންގެ ސަފީރު، އީސާ އައްޝިބާނީ ވިދާޅުވާ ގޮތުގައި، މަސްޤަޠަށް ކުރައްވާ މި ދަތުރުފުޅަކީ ތަފާތު ގޮތްގޮތުން ބަލާއިރުވެސް ވަރަށް ބަރުދަންހުރި ދަތުރުފުޅެކެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޮމާންގެ ސުލްޠާން ހައިތަމް ބިން ތާރިޤް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެ އަހަރު ފަހުން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުގެ ސަބަބުން އިގްތިސާދީ އަދި ސަގާފީ ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އައްޝިބާނީ ވަނީ އިންޑިއާއާއި އޮމާންއާ ދެމެދު އޮންނަ ދިގު ތާރީޚީ ގުޅުމަށާއި، ރައްޔިތުން ދެމެދު އޮންނަ ގުޅުމަށް ވަރަށް ތައުރީފުކުރައްވާފައެވެ.
އިންޑިއާއި އޮމާނާ ދެމެދު އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ގޮތުން، ނިއުދިއްލީގައި ހުންނަ އޮމާން އެމްބަސީން މި އަހަރު ވަނީ އޮމާންގައި އިންވެސްޓް ކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިހާރުވެސް އިންޑިއާގެ ގިނަ ވިޔަފާރިތަކެއް އޮމާންގައި ހިންގަމުން ދެއެވެ.
އިންޑިއާއާއި އޮމާނުން ވަނީ ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމަންޓް (ސީޕާ) ގެ މަޝްވަރާތައް 2025 ވަނަ އަހަރުގެ ފަހުކޮޅު ނިންމާލާފައެވެ. މި އެއްބަސްވުން މިހާރު އޮތީ ދެގައުމުގެ ސަރުކާރުން ރުހުން ދިނުމުގެ މަރުހަލާގައެވެ.
ފީރު ވިދާޅުވީ މިއީ ރަނގަޅު ފާލައެއް ކަމަށެވެ. އޭގެ އިތުރުން އިންފްރާސްޓްރަކްޗަރާއި އައު ދާއިރާތައް ހިމެނޭ ގޮތަށް، އޮމާންގައި އިންވެސްޓް ކުރުމަށް އިންޑިއާގެ ވިޔަފާރިތަކުން އިތުރަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު މި އެއްބަސްވުމުގައި ސޮއިކުރުމުން އިންވެސްޓަރުންނަށް ޔަގީންކަން ލިބިގެން ދާނެއެވެ.
އިންޑިއާއާއި އޮމާންއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކޮށްފައި ވަނީ 1955 ވަނަ އަހަރުއެވެ.







