ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ދެ މުޝީރަކު އިސްތިއުފާ ދެއްވައިފި

ބަނގްލަދޭޝްގެ ޕާލަމެންޓްގެ އިންތިޚާބާ ގުޅިގެން މިނިވަންކަން ކަށަވަރު ކުރުމަށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ދެ މުޝީރަކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ދެބޭފުޅުންނަކީ މަހްފޫޒް އާލަމް އާއި އާސިފް މަހުމޫދު ސަޖީބް ބުޔާން އެވެ. މި ދެ ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މީޑިއާ އޮފީހުން ވަނީ މި ދެބޭފުޅުންގެ އިސްތިއުފާ ޔަގީން ކޮށްދީފައެވެ. ބެލެވޭ ގޮތުގައި، މި ދެބޭފުޅުންނަކީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ތާވަލު އިއުލާނު ކުރުމާއެކު ޕާލަމެންޓްރީ އިންތިޚާބުގައި ވާދަކުރައްވާނެ ދެ ބޭފުޅުންނެވެ.

އިސްތިއުފާ ދެއްވި ދެ މުޝީރުންގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު، މަހްފޫޒް އާލަމް ވަނީ އިންފޮމޭޝަންއާއި ބްރޯޑްކާސްޓިންގ މިނިސްޓްރީގެ މުޝީރެއްގެ މަގާމު ފުރުއްވާފައެވެ. އަދި އާސިފް މަހުމޫދު ވަނީ ލޯކަލް ގަވަރމަންޓް، ރޫރަލް ޑިވެލޮޕްމަންޓް އަދި ކޯޕަރޭޓިވްސް މިނިސްޓްރީގެ އިތުރުން ޒުވާނުންނާއި ކުޅިވަރު މިނިސްޓްރީގެ މުޝީރެއްގެ މަގާމު އަދާކުރައްވާފައެވެ.

މި ދެބޭފުޅުންނަކީވެސް ޝެއިޚް ހަސީނާގެ ވެރިކަމާ ދެކޮޅަށް 2024 ވަނަ އަހަރުގެ ޖުލައި މަހު ހިނގި މުޒާހަރާތަކުގައި އިސްކޮށް އުޅުނު ދަރިވަރުންގެ ލީޑަރުންނެވެ. އެ ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އަވާމީ ލީގު ސަރުކާރު ވެއްޓުނެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު އުފައްދާފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. މި ސަރުކާރު ހިންގަނީ ނޮބެލްގެ އިނާމު ލިބިފައިވާ ޕްރޮފެސަރ މުހައްމަދު ޔޫނުސްގެ ބެލެހެއްޓެވުމުގެ ދަށުންނެވެ. ވަގުތީ ސަރުކާރު ހިންގާ އެޑްވައިޒަރީ ކައުންސިލްގައި މިހާރު 23 މެންބަރުން ހިމެނެއެވެ.

ހިއްސާ ކުރައްވާ!