ސައިންސް އެޑްވާންސަސްގައި ޝާއިއުކޮށްފައިވާ އައު ދިރާސާއަކުން ވަނީ ހަންގަނޑުގައި ކުލަ ޖެއްސުމަށް ބޭނުން ކުރާ އަލްޓްރާ ވައިލެޓް ޓޭނިންގ ބެޑް ބޭނުންކުރުމުގެ ސަބަބުން ހަމުގެ ސެލްތަކުގެ ޑީއެންއޭއަށް ބަދަލުތައް އައިސް، ހަމުގެ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވާކަމަށް ބުނެފައެވެ.
ނޯތުވެސްޓަރން ޔުނިވަރސިޓީގެ ދިރާސާވެރިން ހާމަކުރެއްވި ގޮތުގައި، ޓޭނިންގ ބެޑް ބޭނުންކުރާ މީހުންނަށް ހަމުގެ ކެންސަރުގެ އެންމެ ނުރައްކާތެރި ބާވަތް ކަމަށްވާ މެލަނޯމާ ޖެހުމުގެ ފުރުސަތު، އެހެން މީހުންނަށްވުރެ ގާތްގަނޑަކަށް ތިންގުނައަށް އިތުރެވެ.
މި ދިރާސާގައި ޓޭނިންގ ބެޑް ބޭނުން ކުރި 3,000 މީހުންގެ މެޑިކަލް ރެކޯޑް ފުރިހަމައަށް ބަލައިފައި ވެއެވެ. އަދި 182 ބަޔޮޕްސީ ބޭނުންކޮށްގެން ދިރާސާ ކޮށް ތަހުލީލު ކޮށްފައި ވެއެވެ. މި ކަމުން ދައްކާފައި ވަނީ، ޓޭނިންގ ބެޑް ބޭނުންކުރާ މީހުންގެ ހަންގަނޑުގައި ފޮޅުތަކާއި ކެންސަރު އުފައްދާ ސެލްތައް ކަމަށްވާ މެލަނޯސައިޓްސް ދެގުނައަށް އިތުރު ވެފައިވާ ކަމަށެވެ. މި ދިރާސާގެ އެންމެ ހައިރާން ކުރަނިވި ކަމަކީ، އަލްތްރާ ވައިލެޓް އަލި ނު ފޯރާ ހަށިގަނޑުގެ ތަންތާނގައިވެސް ޒުވާން އަންހެނުންނަށް މެލަނޯމާ ޖެހިފައި ހުރިކަން ދައްކާތީ އެވެ.
2022 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނެފައިވާ ގޮތުގައި ދުނިޔޭގައި މެލަނޯމާ ޖެހިގެން ގާތްގަނޑަކަށް 60,000 މީހުން މަރުވެފައި ވެއެވެ.
މި ދިރާސާއާއެކު ތަޖުރިބާކާރުން ޓޭނިންގ ބެޑް ގެ ނުރައްކާތެރިކަން ދަރަޖަކުރަނީ ދުންފަތުގެ އިސްތިޢުމާލުކުރުމާއި، އެސްބެސްޓޯސް ފަދަ އެންމެ ނުރައްކާތެރި ކެންސަރަށް މަގުފަހިކޮށްދޭ ތަކެތި ބޭނުންކުރުމާއެވެ.
އޮސްޓްރޭލިއާ އާއި ބްރެޒިލް ފަދަ ގައުމުތަކުން ވަނީ ޓޭނިންގ ބެޑް ބޭނުންކުރުން އެއްކޮށް މަނާކޮށްފައެވެ. އެހެން ގައުމުތަކުން ވަނީ އުމުރު ހަމަނުވާ ކުދިންނަށް އެ ބެޑް ބޭނުންކުރުން ކޮންޓްރޯލު ކޮށްފައެވެ.
ޑާމަޓޮލޮޖިސްޓުން އިންޒާރުދީފައިވާ ގޮތުގައި، ސޯޝަލް މީޑިއާގައި ހަންގަނޑުގައި ރަންކުލަ ޖެއްސުމުގެ ޓްރެންޑްތަކަކީ އާ ޖީލުގެ މީހުން ޓޭނިންގ ބެޑް ބޭނުންކުރުމަށް ބާރުއަޅާ ކަމެކެވެ.







