އިސްލާމޯފޯބިއާ: ޖަރުމަންގެ ހެނޯވަރގައި ދެ މިސްކިތެއްގައި އިސްރާއީލަށް ތާއީދުކުރާ ގްރެފިޓީ ކުރަހައިފި

ޖަރުމަންގެ ހެނޯވަރގައި ހުންނަ ތުރުކީ ދަރިކޮޅުގެ މީހުންގެ 2 މިސްކިތުގެ ފާރުގައި އިސްރާއީލަށް ތާއީދުކުރާ ލިޔުންތައް ލިޔެ، މިސްކިތުގެ ގޯތިތެރެއަށް ވަދެ ތަކެއްޗަށް ގެއްލުން ދީފައި ވެއެވެ. މި ކަން ކޮށްފައި ވަނީ ރޭގަނޑުގެ ވަގުތެއްގައި ކަމަށް އެ ސަރަހައްދުގެ މުސްލިމުންގެ ޖަމުއިއްޔާއިން ބުނެއެވެ.

ހަމަލާދިން ފަރާތްތަކުން މިސްކިތުގެ ފާރުތަކުގައި އިސްރާއީލުގެ ޖެނޮސައިޑް ފޯސްއާ ގުޅުންހުރި ލިޔުންތައް ވަނީ ލިޔެފައެވެ.

މި ހަމަލާ ދީފައި ވަނީ އަޔާސޯފިޔާ މިސްކިތަށެވެ. އެ މިސްކިތުގެ އެސޯސިއޭޝަންގެ ޗެއާމަން އިބްރާހިމް ކިޑިކް ވަނީ މިއީ އިސްލާމޯފޯބިއގެ މައްސަލައެއް ކަމަށް ވިދާޅުވީ، މި ކަން އަވަސް ތަހުގީގަކަށް ގޮވާލއްވާފައެވެ.

ހެނޯވަރގައި ހުންނަ ތުރުކީ ކޮންސިއުލޭޓުން ޖަރުމަންގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައި ވަނީ، މި ޖަރީމާގެ ކުށްވެރިން އަވަހަށް ހޯދުމަށާއި، މިސްކިތްތަކާއި މުސްލިމް މުޖުތަމަޢުގެ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްދިނުމަށެވެ.

ޖަރުމަނަކީ ގާތްގަނޑަކަށް 5.5 މިލިއަން މުސްލިމުން ދިރިއުޅޭ ގައުމެކެވެ. އޭގެތެރެއިން 3.5 މިލިއަން މީހުންނަކީ ތުރުކީ ނަސްލަށް ނިސްބަތްވާ މީހުންނެވެ.

ފާއިތުވި އަހަރުތަކުގައި ޖަރުމަންގައި އިސްލާމޯފޯބިއާގެ ކުށްތައް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ.
ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި އެފަދަ 930 ހާދިސާ ރިކޯޑު ކުރެވިފައިވެއެވެ.
މީގެ ތެރެއިން 31 ހާދިސާއަކީ މިސްކިތްތަކަށް ދެވުނު ހަމަލާތަކެވެ. މި ހަމަލަތަކުގައި ގިނަ ބަޔަކަށް އަނިޔާވެސް ލިބިފައިވެއެވެ.

 

ހިއްސާ ކުރައްވާ!