ރޮއިޓާޒް
ރޮއިޓާޒް

ސައުދީ އަރަބިއްޔާއިން ބިދޭސީންނަށް ރިއަލް އެސްޓޭޓް މިލްކުކުރުމުގެ ފުރުސަތު ދެނީ

ސައުދީ އަރަބިއްޔާއިން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބިދޭސީންނަށް އެޤައުމުގެ ރިއަލް އެސްޓޭޓް މިލްކުކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ. މިއީ ބޭރުގެ އިންވެސްޓްމަންޓް ގެނައުމާއި، ޕްރޮޕަޓީ މާކެޓް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ސިޔާސަތަށް ގެނަސްފައިވާ ބަދަލެކެވެ.

ސައުދީ އަރަބިއްޔާއިން ދަނީ އެޤައުމުގެ އިޤްތިސާދު މަޑުމަޑުން ހުޅުވާލައި، އިގްތިސާދީ އިސްލާހީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ޓޫރިޒަމާއި އެންޓަޓެއިންމަންޓް އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުގައި ބިދޭސީން ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ.

ރިއަލް އެސްޓޭޓް މިލްކުކުރުމުގެ ހުއްދަ ދިނުމަކީ ބޭރުގެ އިންވެސްޓްމަންޓްތަކާއި ބައިނަލްއަޤްވާމީ ތަޖުރިބާ ގެނައުމަށްޓަކައި އަޅާ ފަހި ފިޔަވަޅެއް ކަމަށް ސިފަ ކޮށްފައި ވެއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު، ޔޫއޭއީ އާއި ޤަޠަރު ފަދަ ޤައުމުތަކުގައި މިފަދަ އިސްލާހުތަކުގެ ސަބަބުން އެޤައުމުތަކުގެ ޕްރޮޕަޓީ މާކެޓްތައް ކުރިއަރައިގެން ގޮސްފައި ވެއެވެ. އަދި، ބިދޭސީންނަށް ދިހު މުއްދަތަކަށް ދިރިއުޅެވޭނެ ގޮތް ހެދުމުގެ ސަބަބުން އެކަމަށް އެދޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ސައުދީ އަރަބިއްޔާގެ މިފިޔަވަޅުގެ ސަބަބުން އެޤައުމުގެ ސިޓީތަކުގެ މަންޒަރު ބަދަލުވެގެން ދާނެއެވެ.

ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި މި ފިޔަވަޅުގެ ބޭނުމަކީ ރިއަލް އެސްޓޭޓް ސެކްޓަރަށް ހަރަކާތްތެރިކަން ގެނައުމަށާއި، އިޤްތިސާދު ސިންދަފާތުކުރުމާއި، ސައުދީ މާކެޓްތައް ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް ހުޅުވާލުމުގެ 'ވިޝަން 2030′ ގެ އަމާޒުތަކާ އެއްހަމަ ކުރުމެވެ. އަދި މިކަމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ބެލެވޭ ގޮތުގައި ސައޫދީ ސަރުކާރުން ބިދޭސިންނަށް ރެޒިޑެންޝަލް، ކޮމާޝަލް އަދި ދަނޑުވެރިކަމަށް ޚާއްސަ ޕްރޮޕަރޓީތަކަށް ހުއްދަ ދޭނެއެވެ. ނަމަވެސް މައްކާ އާއި މަދީނާ ފަދަ ސިޓީތަކާއި ސަރަޙައްދުތަކުގައި ބިދޭސީން ބިން މިލްކު ކުރުމަށް ބައެއް ހުރަސްތައް ހުންނާނެ ކަމަށާއި ޚާއްސަ ހުއްދަތަކެއް ބޭނުންވެދާނެ ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!