އިމްރާން ޚާން އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓުން ކުށްވެރިކޮށްފި

އަނިޔާވެރިކަމާ ބެހޭ އދގެ ޚާއްސަ ރެޕަޓުއަރ އެލިސް ޖިލް އެޑްވާޑްސް، ވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓުން ކުށްވެރި ކުރައްވާފައެވެ. އަދި އޭނާ ވަނީ ވަގުތުން އެކަމަށް ބަދަލު ގެނައުމަށް ޕާކިސްތާން ސަރުކާރަށް ގޮވާލައްވައިފައެވެ. އިމްރާނބް ޚާން ބަންދުކޮށްފައި ހުރި ހާލަތަކީ އަނިޔާގެ ގޮތެއް ކަމަށް ބެލިދާނެކަމަށްވެސް އެޑްވާޑްސް ވަނީ އިންޒާރު ދެއްވާފައެވެ.

ސެޕްޓެމްބަރު 2023 އިން ފެށިގެން، އިމްރާން ޚާން ވަނީ އަޑިޔާލާ ޖަލުގައި ކުޑަ ގޮޅިއެއްގައި ދުވާލަކު 23 ގަޑިއިރު ވަންދެން ބަންދުކޮށްފައި ބަހައްޓާފައެވެ.

އޭނާ ބަންދުކޮށްފައި ހުންނައިރު، އަބަދުވެސް އޭނާއަށް ފާރަވެރިވެ ބޯކޮޅު ބަލަމުންދާ ކަމަށާއި، ޢާއިލާއާއި، ވަކީލުންނާއި، ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުސަތުން ވެސް އޭނާ މަހުރޫމުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މުރުން 72 އަހަރުގެ އިމްރާން ޚާންގެ ޅިނދަށް ލިބިފައިވާ އަނިޔާތަކާއި، ބަޑީގެ ޒަޚަމްތަކަށް ވެސް ފަރުވާއެއް ނުލިބޭކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ.

އެޑްވާޑްސް ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، 15 ދުވަހަށްވުރެ ގިނަ ދުވަހު އިތުރު މީހަކާ ނުލައި އެކަހެރިކޮށް މީހަކު ބަންދުކުރުމަކީ މަނާކަމެއްކަން ފާހަގަކުރައްވާފައެވެ. މި ކަމަކީ ނަފްސާނީ އަނިޔާއެއްގެ ގޮތުގައިވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ޕާކިސްތާނުގެ ސަރުކާރަށް އެޑްވާޑްސް ގޮވާލައްވަނީ ޚާންގެ އަމިއްލަ ޑޮކްޓަރުންނަށް އޭނާއާ ބައްދަލުކުރުމުގެ ހުއްދަ ދިނުމަށެވެ. އަދި، އޭނާ ބަންދުކޮށްފައި ހުރި ހާލަތު ބައިނަލްއަޤުވާމީ މިންގަނޑުތަކަށް، ފެއްތުމަށާއި ޚާއްސަކޮށް އިންސާނީ ކަރާމަތާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭނެކަން ކަށަވަރުކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

އދގެ އިންސާނީ ހައްޤުތަކާ ބެހޭ އޮފީހުން ވަނީ އިމްރާން ޚާންގެ ކަންކަން ގާތުން ބަލަމުންދާނެކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!