އިންޑިއާއިން ވަނީ އެގައުމުގެ މެޑިކަލް އެޑިޔުކޭޝަން ސިސްޓަމް ފުޅާކޮށް އެމްބީބީއެސްއަށް ކިޔެވުމުގެ ފުރުސަތު ފުޅާކޮށްފައެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025-26 ވަނަ އަހަރަށް 128,875 އަންޑަރގްރެޖުއޭޓް އެމް.ބީ.ބީ.އެސްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ. އަދި 80,291 ޕޯސްޓްގްރެޖުއޭޓް ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
މިއީ މެޑިކަލް ދާއިރާއަށް ކިޔެވުމަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ. މީގެ ކުރިން އިންޑިއާގައި އެމްބީބީއެސްއަށް ކިޔެވުމަށް ލިބެން ހުރި ފުރުސަތުތައް މަދު ކަމަށް ދައްކައެވެ.
- އެގޮތުން، 2013 ވަނަ އަހަރުން ފެށިގެން އަންޑަރގްރެޖުއޭޓް ފުރުސަތުތަކުގެ އަދަދު 150 އިންސައްތައަށް ވުރެ އިތުރުވެފައި ވެއެވެ.
- މީގެއިތުރުން، މެޑިކަލް ކޮލެޖުތަކުގެ އަދަދު ދެގުނައަށް އިތުރުވެ، 818 އަށް އަރާފައިވެއެވެ.
- އޭގެ ތެރެއިން ގިނަ ކޮލެޖުތައް ހުންނަނީ ފަރުުވާގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި ރަށްފުށުގެ ސަރަޙައްދުތަކުގައެވެ.
ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި، ސަރުކާރުން ހުޅުވަފައިވާ މެޑިކަލް ކޮލެޖުތަކާއި އަލަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކުން ހުޅުވާފައިވާ ކޮލެޖުތަކުގެ ސަބަބުން އިންޑިއާގެ އާބާދީގައި ޑޮކްޓަރަކަށް ޖެހޭ ނިސްބަތްވެސް ވަނީ އިތުރު ވެފައެވެ.
- މިހާރު އިންޑިއާގައި ޑޮކްޓަރަކަށް 811 މީހުން ޖެހެއެވެ. މިއީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ބުނާ މިންގަނޑަށް ވުރެންވެސް މަތީ އަދަދެކެވެ.
- ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާގެ ނިސްބަތަކީ އެއް ހާސް މީހަކަށް ޑޮކްޓަރެކެވެ.
އިންޑިއާއިން ވަނީ އިންޑިއާގެ ސަގާފީ ބޭސްވެރިކަމުގައި އުޅޭ މީހުންގެ އަދަދުވެސް އިތުރު ކޮށްފައެވެ. މިކަމުގެ ސަބަބުންވެސް ސިއްޙީ ދާއިރާ ވަށާޖެހޭ ގޮތަކަށް ފަރުވާ ލިބެއެވެ.






