އައްޑޫސިޓީގައި ގާއިމުކުރި ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ބްރާންޗް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ބްރާންޗް ހުޅުއްވައިދެއްވީ މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އެވެ.
މި ކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ވަޒީފާއަކީ އިންސާނާގެ ޢިއްޒަތާއި، މަޤުޞަދާއި، މުޖުތަމަޢުގައި އަދާކުރާ ދައުރާ ގުޅުފައިވާ ކަމެއްކަމަށާއި، ނޭޝަނަލް ކެރިއަރ ސަރވިސަސް ޒަރީޢާއިން ވަޒީފާ ހޯދާ ފަރާތްތަކަށް، ވަޒީފާދޭ ކުންފުނިތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި، ހުނަރު އިތުރު ކުރުމުގެ ފުރުޞަތުތަކާ ގުޅުވައިދޭނެކަމަށެވެ.
އަދި ޚާއްޞަކޮށް އައްޑޫސިޓީގެ ޒުވާނުންނަށް، ބަދަލުވަމުންދާ ވަޒީފާގެ ދުނިޔެއަށް ހޭނި، ކުރިއަށް ދިއުމަށް މިއީ ވަރަށް ބޮޑު އެހީއަކަށް ވާނެކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.


