ޓްރަމްޕް ނަތަންޔާހޫއާ ދިމާއަށް ބޭނުންކުރި ބަސްތަކަކީ އެއްވެސް މީޑިއާއަކަށް ރިޕޯޓު ކުރަން ކެރޭފަދަ ބަސްތަކެއް ނޫން!

ހަމާސްގެ އިސް ލީޑަރަކު ޝަހީދުކޮށްލުމުން އެމެރިކާއިން ނަތަންޔާހޫއަށް އިންޒާރު ދިން ކަމަށް އިސްރައީލު މީޑިއާ ބުނެއެވެ. އިސްރާއީލު މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ހަރުކަށި ބަސްތަކެއް ބޭނުން ކުރައްވާފައެވެ. ހާރެޓްސްއިން ބުނިގޮތުގައި އެ ފޯނު ކޯލުގައި ޓްރަމްޕް ބޭނުން ކުރެއްވި ބަސްތަކަކީ އެއްވެސް މީޑިއާއަކަށް ރިޕޯޓު ކުރަން ކެރޭނެ ފަދަ ބަސްތަކެއް ނޫނެވެ.

ވައިޓްހައުސްއާ ގާތް މީޑިއާއިން ވެސް އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސްގެ އިސް ލީޑަރަކު ޝަހީދުކޮށްލުމަށް ޖެނޮސައިޑް ފޯސްއިން ދިން ހަމަލާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެ ވަޑައިގެންފައިވާ ޖެނޮސަިއޑް ނިންމުމުގެ އެއްބަސްވުމާ ހިލާފު ހަމަލައެއް ކަމަށް ވައިޓް ހައުސްއިން ވަނީ ނަތަންޔާހޫއަށް އަންގާފަ އެވެ.

"ހަރުކަށި ބަހުރުވައާއެކު ސިއްރުން" ވައިޓް ހައުސްއިން ނަތަންޔާހޫއަށް ފޮނުވި މެސެޖަކީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެން އޮތް މަރުހަލާއާއި އިސްރާއީލުގެ މެދުއިރުމަތީގެ ފުޅާ ސިޔާސަތުތަކާ ގުޅިގެން ޓްރަމްޕްގެ ސަރުކާރާއި ނަތަންޔާހޫ ސަރުކާރާ ދެމެދު އޮތް ޚިޔާލު ތަފާތުކަން ދައްކައިދޭ ކަމެއް ކަމަށް މީޑިއާއިން ސިފަ ކުރެއެވެ.

ހާރެޓްސްގެ ރިޕޯޓުގައި ބުނެފައިވަނީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި މަތީ ފެންވަރުގެ މަންދޫބުން ކަމަށްވާ ޖާރޑް ކުޝްނަރ އާއި ސްޓީވް ވިޓްކޯފް ވަނީ ނަތަންޔާހޫ ގެ އަމަލުތަކާ ހެދި "ވަރަށް މާޔޫސްވެފައިވާ" ކަމަށެވެ.

ހޯމަ ދުވަހު އޯވަލް އޮފީހުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހަމާސްގެ އިސް ކޮމާންޑަރު ރާއިދު ސަޢުދު ޝަހީދުކޮށްލައިގެން އެމެރިކާ އިން ދައްކަން އުޅޭ ޖެނޮސައިޑް ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލު ހިލާފުވިތޯ ބަލާނެ ކަމަށެވެ.

ނަތަންޔާހޫއަށް ފޮނުވި މެސެޖާ ބެހޭ ގޮތުން މީޑިއާގައި ބައެއް ރިޕޯޓްތައް ހިމަނާފައި ވެއެވެ.

"ތިމާގެ އަބުރު ވެއްޔާ މޮޑެލަން ބޭނުވެގެން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތަބާ ނުވާކަން ދައްކަން ބޭނުން ނަމަ އެކަން ކުރާށެވެ. އެކަމަކު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ޓަރމްޕް މެދުވެގެން ހަދާފައިވާ އެއްބަސްވުން ހަލާކު ކުރުމުގެ ފުރުސަތެއް އަހަރަމެން ނުދޭނަމެވެ." ނަތަންޔާހޫއަށް ފޮނުވާފައިވާ އިންޒާރުގައި އެމެރިކާއިން ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން ބުނެފައި ވަނީ ހަމާސް ލީޑަރު ޝަހީދު ކުރުމުގެ ކުރިން އެކަން އެމެރިކާއަށް ދުރާލައި އަންގާފައި ނުވާ ކަމަށެވެ.

ވައިތްހައުސްގެ މަސްއޫލުވެރިންނާ ހަވާލާދީ މި ރިޕޯޓްތަކުގައި ބުނެފައި ވަނީ އަރަބި ނުވަތަ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުން ޓްރަމްޕްގެ އިބްރާހީމީ މުއާހަދާއާ ގުޅެން ބޭނުން ނުވަނީ ނަތަންޔާހޫއާ ހެދިއެވެ. އަދި މުސްލިމު ލީޑަރުން "ނަތަންޔާހޫއާ ގުޅުމަށް ވަރަށް ބޮޑަށް އިއުތިރާޒުކުރާ" ކަން އެނގޭ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ދެކެނީ މިސްރުގެ ރައީސް އަބްދުލް ފައްތާހުލް ސީސީއާ އެކު ޓްރަމްޕް ބާއްވަން ބޭނުންފުޅުވާ ބައްދަލުވުންތައް ނުބޭއްވެނީވެސް ނަތަންޔާހޫގެ ނެއްގާނި ކަމާހދިއެވެ. ސީސީ ވަނީ ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

އެމެރިކާގެ އޮފިޝަލަކު އެކްސިއޯސް އަށް ވިދާޅުވެފައި ވަނީ ނަތަންޔާހޫއާ ހެދި އިސްރާއީލް ދުނިޔެއިން އެކަހެރި ވެފައިވާ ކަމަށެވެ.

"މިދިޔަ ދެ އަހަރު ނަތަންޔާހޫ ވަނީ ދުނިޔޭގައި އެކަހެރިއަކަށް ބަދަލުވެފަ. ސީސީ އޭނާއާ ބައްދަލުކުރަން ދެކޮޅު ހައްދަވަނީ ކީއްވެގެންތޯ އާއި އިބްރާހީ މުއާހަދާއަށް 5 އަހަރު ފަހުން އަދިވެސް ޔޫއޭއީއަށް ޒިޔާރަތް ކުރުމަށް އޭނާއަށް ދައުވަތު ނުދެނީ ކީއްވެތޯ އޭނާ ސުވާލު ކުރަން ޖެހޭނެ" ކަމަށް އެމެރިކާ މަސްއޫލު ވެރިއަކު އެކްސިއޮސްއާ ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!