ބަންގްލަދޭޝްގައި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް އަނިޔާކުރުމާއި، ގާނޫނާ ޚިލާފަށް މީހުން މެރުމުގެ މައްސަލަތައް އަނެއްކާވެސް ބޮޑުވެފައިވާ ކަމަސް ޑެއިލީ ސްޓާއިން ރިޕޯޓު ކޮށްފިއެވެ. މިކަމަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވުންތައް ހުރިކަމެއް ކަމަށް ބުނެ އެ ނޫހުން ވަނީ މިކަމާ ގުޅޭ ތަފްސީލީ ރިޕޯޓެއް ގެނަސްދީފައެވެ. ފުލުހުންގެ ބަންދުގައި މީހުންނަށް އަނިޔާ ކުރުމުގެ ސަގާފަތަކީ ބަނގްލަދޭޝްގައި ޒަމާނުއްސުރެން އަށަގެންފައިވާ ސަގާފަތެކެވެ. މިކަންތައްތައް ހުއްޓުވުމަށް އާ ނިޒާމެއް ގާއިމުކޮށްފައި އޮތް ނަމަވެސް، އެ ނިޒާމަކީ އިންސާނީ ހައްގުތަކަށް އަރައި ގަތުން ހުއްޓުވުމަށް އެންމެ އެދެވޭ ނިޒާމެއް ނުން ކަމަށް ބުނެއެވެ.
މިދިޔަ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު ވެސް ދެ މީހަކު ވަނީ ފުލުހުންގެ ބަންދުގައި ތިއްބަިއ މަރުވެފައެވެ. އެމީހުންގެ މަރާ ގުޅިގެން، އަނިޔާކުރާ ކަމުގެ ތުހުމަތުތައް ވަނީ އަލުން ފުލުހުންނަށް ކުރަން ފަށާފައެވެ. މި މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް އެ މީހުންގެ އާއިލާތަކުން ވަނީ ފުލުހުންނަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް، ފުލުހުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
މި ހާދިސާތަކުގެ ސަބަބުން ބަންދުގައި ތިބޭ މީހުންނަށް އަނިޔާކުރުމާއި ގާނޫނާ ޚިލާފަށް މީހުން މެރުމުގެ މައްސަލަތައް ކުރިންވެސް އާންމު ކޮށް ބަހުސް ކުރެވުނު ގޮތަށް އަނެއްކާވެސް އަލުން ހޫނުވެ ބަހުސް ކުރަން ފަށާފައި ވެއެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ، "އޮދިކާރ" އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ޑރ. ޔޫނުސްގެ ވަގުތީ ސަރުކާރު ވެރިކަމަށް އައި ފަހުން، ގާނޫނާ ޚިލާފަށް 40 މީހުން މަރާލާފައިވެއެވެ.
ޔޫނުސްގެ ސަރުކާރުން މިކަންތައްތައް ކުށްވެރިކޮށް ބަޔާންތައް ނެރެފައިވީ ނަމަވެސް، މިފަދަ އެއްވެސް މައްސަލައެއްގައި އަދި މިހާތަނަށް އެއްވެސް މީހަކަށް ދައުވާކޮށްފައެއް ނުވެއެވެ. މިއީ ޖަވާބުދާރީ ކުރުމުގެ ނިޒާމުގެ ދޯހޮޅިކަން ދައްކައިދޭ ކަމެއް ކަމަށް އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.
ޔޫނުސްގެ ސަރުކާރުން މިއަހަރު އެކުލަވާލި "ޕޮލިސް ކޮމިޝަންއާ ބެހޭ ގަވާއިދު" ގެ މަގުސަދަކީ ފުލުހުންގެ މަސައްކަތުގައި ޖަވާބުދާރީ ކުރުވުން އިތުރުކުރުން ކަމަށް ބުނެފައި ވެއެވެ. ނަމަވެސް، އެ ގަވާއިދަށް ވަނީ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ސަބަބަކީ، ސަރުކާރުން ފުލުހުން ބޭނުންކުރާ ގޮތާއި ފުލުހުން އެކި ތަންތަނަށް ބަދަލުކުރުމާއި، އޮޕަރޭޝަންތަކަށް ބާރު ހިންގުމުގެ ބާރު މި ކޮމިޝަނަށް ލިބިފައިނުވާތީއެވެ. އަދި މި ކޮމިޝަންގެ ހުށަހެޅުންތަކަކީ ބާރެއް ނެތް ހުށަހެޅުންތަކެއް ކަމަށް ވުމުން، އެއީ މާ ބޮޑު އިސްލާހީ ބަދަލެއް ގެނުވާނެ ނިޒާމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ބަންގްލަދޭޝްގެ ގާނޫނު އަސާސީން އަނިޔާކުރުން މަނާކުރެއެވެ. އަދި އެ ގައުމަކީ އަނިޔާއާ ދެކޮޅަށް ހަދާފައިވާ އދގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެކެވެ. ނަމަވެސް، މި ގާނޫނުތަކާއި މުއާހަދާތައް ތަންފީޒުކުރުން އަދިވެސް އޮތީ ވަރަށް ދަށް މިންވަރެއްގައެވެ. 2014 ން 2024 އާ ދެމެދު، ކޮންމެ އަހަރަކު ވެސް ދިހަ ވަރަކަށް މީހުން ފުލުހުންގެ ބަންދުގައި މަރުވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. އަދި ބަންދުގައި ތިބޭ މީހުންނަށް ހިމާޔަތް ދިނުމަށް، "ޓޯޗަރ އެންޑް ކަސްޓޯޑިއަލް ޑެތު (ޕްރިވެންޝަން) އެކްޓް 2013″ ބަނގްލަދޭޝްއިން ފާސްކޮށްފައިވީ ނަމަވެސް މިހާތަނަށް އެ ގާނޫނުގެ ދަށުން އެންމެ އެއް މައްސަލައެއްގައި ނޫނީ ދައުވާ ކޮށްފައެއް ނުވެއެވެ. އަދި އެ ގާނޫނުގެ ދަށުން ކުށް ސާބިތުވީ އެންމެ މީހެއްގެ މައްޗަށެވެ. މިއިން ބަނގްލަދޭޝްގެ ޖިނާއީ އަދުލުގެ ނިޒާމުގެ ބަލިކަށިކަން ހާމަވެއެވެ.
Global Press Casts Doubt on Bangladesh’s Democratic Renewal as Yunus Faces Scrutiny





