ޕާކިސްތާނުން ބަލޯޗިސްތާންގައި ގެންގުޅޭ ސަލާމަތީ ސިޔާސަތުގެ ސަބަބުން ބަލޯޗިސްތާނުގައި މީހުން ނިޒާމުން ގެއްލުވާލުމާއި ޤާނޫނާ ޚިލާފަށް މީހުން މެރުން އާންމު ކަމަށް ވެފައި ވެއެވެ. އަދި، އެކަމުގެ ސަބަބުން ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބަޣާވާތެއް ހިންގާ ހަނގުރާމަވެރި ޖަމާއަތްތައް ހަރަކާތްތެރިވާ މި ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުން ސަލާމަތީ މައްސަލަތައް އިތުރަށް ގޯސްވެ، ސަރަޙައްދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިތުރު ވަމުންދާ ކަމަށް މުޙައްލިލުން ބުނެއެވެ.
އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ފަރާތެއް ކަމަށްވާ ބަލޯޗް ޔަކްޖިހްތީ ކޮމިޓީ (ބީވައިސީ) އާއި 'ޕާންކް' އިން ނެރުނު ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ފުރަތަމަ ބައިގައި އެކަނިވެސް ބަލޫޗިސްތާނުން 750 އަށް ވުރެ ގިނަ މީހުން ނިޒާމުން ގެއްލުވާލާފައި ވެއެވެ. އަދި، 100 އަށް ވުރެ ގިނަ މީހުން ޤާނޫނާ ޚިލާފަށް މަރާލާފައިވާ ކަމުގެ ރިޕޯޓުވެސް ލިބިފައިވެއެވެ. މި މީހުންގެ ތެރޭގައި ދަރިވަރުންނާއި، އެކްޓިވިސްޓުންނާއި، އާންމު ރައްޔިތުން ހިމެނެއެވެ. މި އެންމެންވެސް ވަނީ ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް، ވާނުވާގައި ބަންދުކޮށްފައެވެ.
މި ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ބަލޯޗިސްތާނުގައި ހިންގަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންއާ އެއްފަދަ އަސްކަރީ ފިޔަވަޅުތަކުގެ މޮޑެލެކެވެ. މިކަމުގެ ސަބަބުން ރައްޔިތުން ދަނީ ސަލާމަތީ ކަންކަމުގައި އަޅާ ފިޔަވަޅުތަކަށް ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ. އަދި އާންމުން ދެކެނީ ނިޒާމުން މީހުން ގެއްލުވާލުމަކީ، އިދާރީ ވަސީލަތެއްގެ ގޮތުގައި ވެރިކަން ކުރާ ފަރާތުން ބޭނުންކުރާ ކަމެއް ކަމަށެވެ.
ނިޒާމުން ގެއްލުވާލާފައިވާ މީހުންގެ ޢާއިލާތަކަށް ސަރުކާރުގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ނު ދެއެވެ. އަދި އެމީހުންގެ އާއިލީ މީހުންގެ މައުލޫމާތު ހޯދޭނެ އިތުރު ގޮތެއްވެސް ނޯވެއެވެ. މިފަދަ ނުރައްކަލުން ސަލާމަތްވެފައިވާ މީހުން ބުނާ ގޮތުގައި އެމީހުންނަށް އަނިޔާކޮށް، ވާނުވާ ބަންދުގައި ބައިތިއްބައި ނަފްސާނީ ގޮތުން އަނިޔާ ކުރެއެވެ.
މި މައްސަލަ ބޮޑު ވެގެން ކޯޓުތަކުގައި ވެސް މިކަމާ ދެކޮޅަށް ދައުވާތަކެއް ކޮށްފައި ވެއެވެ. އެއަށް ފަހު، ޕާކިސްތާނުގެ "ކޮމިޝަން އޮފް އިންކުއަރީ އޮން އެންފޯސްޑް ޑިސަޕިއަރެންސަސް" ގާނޫނުން ބާރު ލިބިގެން ކކޮށްފައިވާ ދައުވާތަކުގައި 2011 ވަނަ އަހަރުން ފެށިގެން އެތައް ހާސް ބަޔަކު ގެއްލިފައިވާކަމަށް ސަރުކާރުން އެއްބަސްވެފައިވެއެވެ. ނަމަވެސް، އެފަސް މަންޒަރުގައި ޖަވާބުދާރީކުރުވުމަށް އަދިވެސް މާނަހުރި ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.
ނިޒާމުން މީހުން ގެއްލުވާމުން ކޯޓުތަކުން ވަނީ ކުށްވެރިކޮށްފައެވެ. ނަމަވެސް، އެފަދަ މައްސަލަތަކުގެ ޝަރީއަތްތައް ހިންގާފައިޥާ މިންވަރު މަދުކަންވެސް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.
މުޙައްލިލުން ބުނާ ގޮތުގައި، ޕާކިސްތާނުގެ "އަމާން ކަމަށް އިސްކަން ދިނުމުގެ ސިޔާސަތު" ގެ ސަބަބުން ބަލޯޗިސްތާނުގެ ރައްޔިތުންނާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ގޯސްވެ، މުޅި ސަރަޙައްދު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލެވިފައިވާ ކަމަށެވެ. މީގެ ސަބަބުން ސުލްޙަވެރިކަމާއި ޑިމޮކްރެޓިކް ވެރިކަމަށް އޮތް ފުރުސަތުތައް ނެތިގޮސް، ސަރަޙައްދުގައި ހަމަނުޖެހުން އިތުރުވުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބުނެއެވެ.
In Balochistan, Security‑First Doctrine Fuels Disappearances and Distrust







