ބާޒާރުން ކިޓްކެޓް ނެގުމަށް ކޯޓުން އަމުރުކޮށްފި

ބަންގްލަދޭޝްގައި ކިޓްކެޓްގެ ގަޑުބަޑުކޮށްފައިވާ ޝިޕްމެންޓެއް ދައުރުވާކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލާގައި އެތަކެތި ބާޒާރުން ނެގުމަށް ކޯޓުން އަމުރު ކޮށްފިއެވެ. ޑާކާގެ ކޯޓަކުން ނެސްލޭ ބަންގްލަދޭޝްއަށް އަމުރުކޮށްފައިވަނީ އެ ކުންފުނީގެ "ކިޓްކެޓް" ޗޮކްލެޓްގެ ވަކި ޚާއްސަ ބެޗެއް ބާޒާރުން ނެގުމަށެވެ. މި ބެޗަކީ އާންމު ސިއްހަތަށް ނުރައްކާތެރި އަދި މިންގަނޑަށް ނުފެތޭ މާއްދާތަކެއް ހިމެނިގެން ގަޑުބަޑުވެފައިވާ ޗޮކްލެޓް ކަމަށް ބުނެފައި ވެއެވެ.

ކޯޓުން މި އަމުރު ނެރެފައިވަނީ ކާނާއާ ގުޅޭ މައްސަލަތައް ބެލުމަށް ޚާއްސަ ޕިޔޯ ފުޑް ކޯޓް-2 ގެ ސްޕެޝަލް މެޓްރޯޕޮލިޓަން މެޖިސްޓްރޭޓެކެވެ. އަދި މައްސަލަ ހުށަހަޅާފައި ވަނީ ޑާކާ ސައުތު ސިޓީ ކޯޕަރޭޝަންގެ ފުޑް އިންސްޕެކްޓަރު ގަމަރުލް ހަސަން އެވެ.

ކޯޓުން ނެރުނު އަމުރުގައި ވަނީ ބެޗް ނަންބަރު 44399139 އަދި ޕްރޮޑަކްޝަން ކޯޑު 6294003539054 ގެ ކިޓްކެޓް ޗޮކްލެޓްތައް ބާޒާރުން ނެގުމަށެވެ. އަދި އެކަން ކޮށް ނިންމަން 21 ޖަނަވަރިއާ ހަމައަށް މުއްދަތު ދީފައި ވެއެވެ.

ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ މި ޗޮކްލެޓްތަކަކީ ރަޖިސްޓަރީ ކޮށްފައި ނުވާ ހުއްދަ ނެތް، އަދި ޗައްކު ކުރެވޭ ތަކެތި ހިމަނައިގެން އުފައްދާފައިވާ ބާވަތެއް ކަމަށެވެ. މި ތަކެތީގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑު ސިއްޙީ ނުރައްކަލަކާ ކުރިމަތިވެދާނެ ކަމަށް ވެސް ޝަރީއަތުގައި ބުނެފައި ވެއެވެ.

ކޯޓުން ވަނީ ނެސްލޭއަށް އެ މާއްދާއާ ގުޅޭ އެކަށީގެންވާ ލައިސަންސާއި ކްލިއަރެންސް ލިބެންދެން އެފަދަ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ވަގުތީ ގޮތުން ހުއްޓާލުމަށް ވެސް އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ކުރިން ކޯޓުން ވަނީ ނެސްލޭ ބަންގްލަދޭޝްގެ މެނޭޖިންގ ޑިރެކްޓަރ ދީޕާލް އަބޭވިކްރަމާ އަދި ޕަބްލިކް ޕޮލިސީ މެނޭޖަރ ރިއާސާދު ޒަމާން ހައްޔަރުކުރުމުގެ އަމުރެއް ވެސް ނެރެފައެވެ. ނަމަވެސް، ފަހުން ހައިކޯޓުން ވަނީ ކަފާލާތުގެ އުސޫލުން މި ދެމީޙުންނަށް ޖާމިނުވުމުން އެމީހުން ދޫކޮށްލާފައެވެ.

ހިއްސާ ކުރައްވާ!