ޗައިނާއިން ގައުމީ އެއްބައިވަންތަކަމަށް އައު ގާނޫނެއް ފާސްކުރަން އުޅެނީ

ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި، ޗައިނާ ސަރުކާރުން ނަސްލީ މައިނޯރިޓީތައް ކޮންޓްރޯލުކޮށް އެމީހުންގެ އަސްލު ސަގާފަތާ ދުރަށް ޗައިނާގެ ގިނަ މީހުން ތަބާވާ "ހާން" ސަގާފަތުގެ ތެރެއަށް ވަނުމަށް މަޖުބޫރުކުރުވާ ފަދަ ހަރުކަށި ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. ބީބިސީން ގެނަސްދިން ރިޕޯޓެއްގައި ބުނަނީ، މި ހަފުތާގެ ފަހުކޮޅު ޗައިނާގެ އަހަރީ ޕާލަމެންޓް ސެޝަނުން ފާސްކުރުމަށް ހަމަޖެހިފައިވާ އާ ގާނޫނެއްގެ ސަބަބުން މި މަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާވެ، އަދި އަވަސްވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ ސަބަބުން މައިނޯރިޓީ ގްރޫޕްތަކުގެ ހައްގުތަކަށާއި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އިތުރު ހީނަރުކަމެއް ކުރިމަތިވާނެ ކަމަށެވެ.

ނަމަވެސް، ޗައިނާ ސަރުކާރުން މިކަން ދިފާއުކުރަނީ މިއީ "ބޮޑު އެއްބައިވަންތަކަމެއްގެ ތެރެއިން ތަރައްގީ ގެނައުމަށް ކުރާ މަސައްކަތެއް" އަދި ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައެވެ. އަދި މި ގާނޫނަށް ކިޔަނީ "ނަސްލީ އެއްބައިވަންތަކަމާއި ތަރައްގީ ކުރިއެރުވުމުގެ" ގާނޫނެވެ. މި ގާނޫނުގެ ދަށުން މެންޑަރިން ބަހަށް އިސްކަންދީ އެހެން ބަސްބަހުގެ ދަރަޖަ ދަށްކުރެއެވެ؛ "ހާން" ޗައިނީޒް މީހުންނާއި އެހެން ނަސްލުތަކުގެ މީހުން ކައިވެނިކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް މަނާކޮށް، އެފަދަ ކައިވެނިތަކަށް ހިތްވަރުދެވޭނެ އެވެ. ކުޑަކުދިންނަށް "ޗައިނާގެ ކޮމިއުނިސްޓް ޕާޓީދެކެ ލޯބިވުމަށް" ތަރުބިއްޔަތުކޮށް މަގުދެއްކުމަށް މައިންބަފައިންނަށް ބާރުއަޅާނެއެވެ. އަދި "ނަސްލީ އެއްބައިވަންތަކަމަށް" ގެއްލުންވާ ކަމަށް ބެލެވޭ ކޮންމެ އަމަލެއް ވަރަށް ފުޅާ ދާއިރާއެއްގައި މަނާކުރެއެވެ.

ޝީ ޖިންޕިންގް ވަނީ ތަކުރާރުކޮށް "ދީންތައް ޗައިނާވަންތަކުރުމަށް" ގޮވާލައްވާފައެވެ. މީގެ މާނައަކީ ދީނީ ކަންކަން ކުރިއަށްގެންދަންވާނީ ކޮމިއުނިސްޓް ޕާޓީން ގަބޫލުކުރާ ޗައިނާގެ ސަގާފަތާއި އަގުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މާހިރުން ދެކޭ ގޮތުގައި މި ގާނޫނަކީ އޭނާގެ ވެރިކަމުގެ މައިގަނޑު އަސާސަކަށް މިހާރުވެސް ވެފައިވާ ކަންކަން ގާނޫނީ ގޮތުން އިތުރަށް ވަރުގަދަކުރުމެވެ. ޗައިނާގައި ރަސްމީކޮށް ބަލައިގަންނަ 55 ނަސްލީ ބައިމަދު މީހުން ތިބޭއިރު، މީގެ ތެރޭގައި އެތައް ހާހުން ފެށިގެން އެތައް މިލިއަން މީހުން ހިމެނޭ އާބާދީތައް ހިމެނޭނެއެވެ.

ނަމަވެސް ބެއިޖިންގްއިން އަބަދުވެސް ބައެއް ގްރޫޕްތަކަށް އިސްކަންދީ އެހެން ގްރޫޕްތައް ފަހަތައް ޖައްސައެވެ. އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އެންމެ ސީރިއަސް ތުހުމަތުތައް ކުރެވެނީ އުއިގޫރުންނާއި އެހެނިހެން ތުރުކީ ދަރިކޮޅުގެ މައިނޯރިޓީން ދިރިއުޅޭ ޝިންޖިއާންގްގައާއި، އަދި ޓިބެޓުގައެވެ.

ކޮމިއުނިސްޓް ޕާޓީން ބޮޑަށް ބުރަވަނީ، މައިނޯރިޓީ ގްރޫޕްތަކަށް އަމިއްލަ އިޚުތިޔާރުތައް ދީގެން އެމީހުން ޗައިނާގެ ބައެއްގެ ގޮތުގައި ތިބުމަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމުގެ ބަދަލުގައި، ވަކިވެގަތުމުގެ އެއްވެސް ވާހަކައެއް ދައްކައިފިނަމަ ލިބިދާނެ އަދަބަކަށް ބިރުގަންނުވައިގެން ކަންކަން ކޮންޓްރޯލް ކުރާށެވެ.

2008 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްއާ ދިމާކޮށް، ޓިބެޓުގެ ފާދިރީން ވަނީ ލާހާސާގައި ބެއިޖިންގްގެ ވެރިކަމާ ދެކޮޅަށް މުޒާހަރާތައް ކޮށްފައެވެ. ކުރީގެ ހަރަކާތްތަކެކޭ އެއްފަދައިން، މި ހަރަކާތްވެސް ވަނީ ބާރުގެ ބޭނުންކޮށްގެން ހުއްޓުވާފައެވެ. ބެއިޖިންގްއިން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކުގައި މަރުވީ 22 މީހުންނެވެ. ނަމަވެސް އަރުވާލެވިގެން އުޅޭ ޓިބެޓުގެ ޖަމާއަތްތަކުން އަންދާޒާކުރާ ގޮތުގައި އެ އަދަދު އުޅެނީ 200 ގައެވެ.

ޖެހިގެން އައި އަހަރު، ގައުމުގެ ހުޅަނގު ބިތުގައި އޮންނަ ޝިންޖިއާންގްގެ ވެރިރަށް އުރުމްގީގައި އުއިގޫރުންނާއި ހާން ޗައިނީޒް މީހުންގެ މެދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކެއްގައި ގާތްގަނޑަކަށް 200 މީހުން މަރުވިއެވެ. 2013 ވަނަ އަހަރު، އުއިގޫރު ވަކިވެގަންނަން މަސައްކަތްކުރާ ބަޔަކު ގޮވާތަކެތި ހުރި ކާރެއްގައި ޓިއަނަމަން މައިދާނުގެ ދޮރާށްޓާ ދިމާއަށް ދަނިކޮށް ވަނީ ބަޑިޖަހައި މަރާލާފައެވެ. އަދި 2014 ވަނަ އަހަރު ޔުނާން ޕްރޮވިންސްގެ ރޭލު ސްޓޭޝަނެއްގައި އުއިގޫރުންގެ އެހެން ގްރޫޕަކުން ވަނީ އާންމުންނަށް ހަމަލާދީފައެވެ.

ބެއިޖިންގްއިން ބުނާ ގޮތުގައި ބައިމަދު މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހުނީ މިފަދަ އަނިޔާވެރި ހަމަލާތަކުގެ ސަބަބުންނެވެ. ނަމަވެސް އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، އެއް މިލިއަނަށްވުރެ ގިނަ އުއިގޫރު މުސްލިމުން ވަނީ މަޖުބޫރުން ކޭމްޕްތަކުގައި ބަންދުކޮށްފައެވެ.

ހިއްސާ ކުރައްވާ!