އެމެރިކާގެ ސައިންޓިސްޓުން ވަނީ، މެހީގެ ސިކުނޑީގެ ފުރިހަމަ ޑިޖިޓަލް ކޮޕީއެއް އުފައްދައި، މަޖާޒީ މެއްސެއްގެ ހަރަކާތްތަކުގައި އެ ސިކުނޑި ބޭނުންކޮށްފައެވެ. މިއީ އިންސާނުން އަމިއްލައަށް ލިޔުނު ކޯޑުތައް ބޭނުން ކޮށްގެން ހަރަކާތްތަކެއް ގެނުވި އެއްޗެއް ނޫނެވެ. ނަމަވެސް އަސްލު މެހީގެ ސިކުނޑީގެ ކޮޕީއަކުން ކޮމްޕިއުޓަރުގައި ބިނާ ކުރި މަޖާޒީ މެއްސަކަށް ގެނުވި ހަރަކާތްތަކެކެވެ.
ސައިންސްވެރިން ބުނަނީ މިއީ މަޖާޒީ މާހައުލެއްގައި ޔައުނީ ކޮމްޕިއުޓަރުގެ އެތެރޭގައި އިންސާނުން ފުރަތަމަ ފަހަރަށް ގުދުރަތީ ސުލޫކާއި ހަރަކާތްތައް ގެންނަ ސިކުނޑިއެއް ކަމަށްވާ "މަލްޓި-ބިހޭވިއަރ ބްރެއިން އަޕްލޯޑް" ކުރި ފަހަރު ކަމަށެވެ.
މިމަސައްކަތް ކުރިއަށ ްގެންދިޔަ ކުންފުންޏަކީ އީއޯން ސިސްޓަމްސް އެވެ. މިދިޔަ ހަފްތާގައި ހާމަކުރި މި ކާމިޔާބީއަކީ އާދައިގެ އާޓިފިޝަލް އިންޓެލިޖެންސް މަބުގެ މަސައްކަތަށް ވުރެން އުދަގޫ އަދި ތަފާތު ކުރިއެރުމެކެވެ.
އޭއައި ސިސްޓަމްތައް ބޭނުންކޮށްގެން އިންސާނުން އުފައްދާ މަސްނޫއީ ނިޒާމުތަކަކީ ޕްރޮގްރާމް ކޮށް ދަސްކޮށްދީ ތަމްރީނުކޮށްދީ ހާނައިގެން ތަރައްގީ ކުރާ ނިޒާމުތަކެކެވެ. އެއާ ޚިލާފަށް މި މެހީގެ ހަރަކާތްތަކާއި ހިނގުމާއި، ހަށިގަނޑު ސާފުކުރުމާއި، އަދި އަމިއްލައަށް ކާނާ ހޯދުމަކ ޤުުދުރަތީ ސިކުނޑިން ވިސްނައިގެން އިންސާނެއްގެ ތަމްރީނު ކުރުމާ ނުލައި ކުރާ ކަމެކެވެ. މާނައަކީ ގުދުރަތީ އުފެއްދުމެއްގެ ސިކުނޑި މި ވަނީ ކޮޕީ ކޮށްގެން ކޮމްޕިއުޓަރުގެ މަޖާޒީ ނިޒާމެއްގައި ބޭނުން ކޮށްފައެވެ. ސައިންސްވެރިން ވަނީ މެހީގެ ސިކުނޑީގެ ނިއުރޯންތައް ހުރި ގޮތަށް ކޮޕީކޮށްގެން ޑިޖިޓަލް ސިކުނޑިއެއް އުފައްދާފައެވެ.
"މިއީ އެނިމޭޝަނެއް ނޫން. މިއީ ދިރޭ އެއްޗެއްގެ އުޅުން ކޮޕީކުރާ އިންސާނުން ދަށްކޮށްދޭ ޕްރޮގްރާމިންއެއް ނޫން،" މި ކުރިއެރުން އިއުލާނު ކުރައްވަމުން އީއޯންގެބާނީ ޑރ. އެލެކްސް ވިސްނަރ ގްރޮސް ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ. "މިއީ އިލެކްޓްރޯން މައިކްރޮސްކޯޕީ ޑޭޓާ ބޭނުންކޮށްގެން، ނިއުރޯންއަކާ ނިއުރޯންއެއް ގުޅުވައިގެން ތައްޔާރުކޮށްފައިވާ ދިރޭ ސިކުނޑިއެއްގެ ކޮޕީއެއް. މިއީ މަޖާޒީ މާހައުލުގައި ހިނގަމުންދާ، ހަށިގަނޑެއް ހަރަކާތްތެރިކުރުވާ އެއްޗެއް." އޭނާ ވިދާޅުވިއެވެ.
މި ކާމިޔާބީ ބިނާވެފައިވަނީ 2024 ވަނަ އަހަރު ކުރެވުނު މުހިންމު ދިރާސާއެއްގެ މައްޗަށެވެ. އެ ދިރާސާގައި ބައިނަލްއަގުވާމީ ޓީމަކުން ވަނީ މެހީގެ މުޅި ސިކުނޑީގެ ޗާޓު ކަމަށްވާ 'ކަނެކްޓޯމް' ކޮޕީ ކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ގާތްގަނޑަކަށް 1 ލައްކަ 40 ހާސް ނިއުރޯން އާއި 50 މިލިއަން ސައިނެޕްޓިކް ސިކުނޑީގެ ގުޅުންތަކުގެ ޗާޓެއް އެކުލަވާލާފައި ވެއެވެ. 'ނޭޗަރ' މަޖައްލާގެ ކަރުދާހެއްގައި ދައްކާފައިވާ ގޮތުން، މި ޗާޓުގެ އެހީގައި ތައްޔާރުކުރި ކޮމްޕިއުޓަރު މޮޑެލްއަކަށް، މެހީގެ ހަގީގީ ހަރަކާތްތަކުގެ 95 އިންސައްތަ ސައްހަކަމާއެކު ހަރަކާތްތެރި ކުރެވެއެވެ.
ނަމަވެސް، އޭރު އެ މޮޑެލްއަކީ އެއަށް ދޭ އިޝާރާތްތައް ހަރަކާތް ކުރާނެ ހަށިގަނޑެއް ނެތް ސިކުނޑިއެކެވެ. އީއޯން ކުންފުނިން މިހާރު ވަނީ ގޫގްލްގެ ޑީޕްމައިންޑްގެ މުޖޯކޯ އިންޖީނު ބޭނުންކޮށްގެން، އަސްލު މެއްސެއްގެ މޮޑެލެއް އުފައްދައި އެ މެހީގެ މަޖާޒީ ހަށިގަނޑާ އެ ޑިޖިޓަލް ސިކުނޑި ގުޅުވާލައި، މި މަސައްކަތް ތަޖުރިބާކޮށްފައެވެ.





