އީރާނުން ގަލްފްގެ ސިޓީތަކުގައި ހުރި އެމެރިކާގެ ޖާސޫސީ އަސްކަރީ އަދި އިގްތިސާދީ މަސްލަހަތަށް ތަކުރާރުކޮށް ދިފާއީ ހަމަލާތައް ދެމުންދާތީ، ދުބާއީގައި ހުންނަ ބުލޫމްބާގުގެ ކުންފުނީގެ ސަރަހައްދީ މައި އޮފީހުގެ މުވައްޒަފުންނާއި ގަލްފް ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަގުތީގޮތުން އެހެން ގައުމުތަކަށް ބަދަލުވެ މަސައްކަތް ކުރެވޭނެ ކަމަށް ބްލޫމްބާގުން ބުނެފި އެވެ.
މީގެ 13 ދުވަސް ކުރިން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ހަނގުރާމަ ފެތުރެމުންދާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ދަނީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި މުވައްޒަފުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ސިޓީގްރޫޕާއި އިނގިރޭސިވިލާތުގެ ސްޓޭންޑަޑް ޗާޓަޑް ބޭންކުގެ އިތުރުން ލަންޑަން ސްޓޮކް އެކްސްޗޭންޖް ގްރޫޕުން ވެސް ވަނީ ދުބާއީގައި ތިބި އެ ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގާފައެވެ.
އީރާނުން ވަނީ އެމެރިކާގެ ޖާސޫސީ އަސްކަރީ އަދި އިގްތިސާދީ މަސްލަހަތު ހިމެނޭ ތަންތަނާއި އެމެރިކާ ހަރަކާތްތެރިވާ ތަންތަން ފަދަ ދުބާއީގެ އެއާޕޯޓް، ބަނދަރު، ހޮޓާތައް އަދި މީހުން ދިރިއުޅޭ އުސް އިމާރާތްތަކަށް ޑްރޯން ހަމަލާތަކެއް ދިނުމުގެ އިތުރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހެން ސިޓީތަކަށް ވެސް ސިލްސިލާ ހަމަލާތަކެއް ދީފައެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ގަތަރަށް ވެސް ތަކުރާރުކޮށް ހަމަލާތައް ދީފައިވެއެވެ.
ބަހްރޭން، ކުވެއިތު އަދި އޮމާނަށް ވެސް ވަނީ ހަމަލާތައް އަމާޒުވެފައެވެ.






