މޮދީ އީރާންގެ ރައީސާ ފޯނުން ވާހަކަ ދައްކަވައިފި

މެދުއިރުމަތީގެ ހަމަނުޖެހުންތައް ފެށުނު ފަހުން ފުރަތަމަ ފަހަރަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުރާސްފަތި ދުވަހު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާނާ ފޯނުން ގުޅުއްވައި ވާހަކަދައްކަވައިފިއެވެ. މި ފޯނު ކޯލުގައި މޮދީ ވަނީ އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، މުދަލާއި ހަކަތަ ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގު ފަހިވެފައި އޮތުމަކީ ނިއުދިއްލީން އެންމެ އިސްކަންދޭ ކަންތައްތައް ކަމަށް ވިދާޅުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، އެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވަމުންދިއުމާއި، އާންމުންގެ ފުރާނަ ގެއްލުމާއި، އަދި އުމްރާނީ ވަސީލަތްތައް ހަލާކުވަމުންދާތީ އެކަމާ މެދު "ފުން ކަންބޮޑުވުން" ފާޅުކުރެއްވި ކަމަށެވެ. އަދި ސުލްހަޔާއި ހަމަޖެހުމަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތު އާކުރައްވައި، ޑިޕްލޮމެސީގެ މަގު އިޚްތިޔާރުކުރުމަށް ބާރުއެޅުއްވިއެވެ.

"އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާނާ ފޯނުން ގުޅުއްވައި، އެ ސަރަހައްދުގެ ސީރިއަސް ހާލަތާ ބެހޭގޮތުން މަޝްވަރާކުރިން. ނުތަނަވަސްކަން އިތުރުވުމާއި، އާންމުންގެ ފުރާނަ ގެއްލުމާއި، އަދި އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ލިބެމުންދާ ގެއްލުންތަކާ މެދު ފުން ކަންބޮޑުވުން ފާޅުކުރިން. އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، އެއްވެސް ހުރަހެއް ނެތި މުދަލާއި ހަކަތަ އުފުލޭނެ މަގު އޮތުމަކީ އިންޑިއާއިން އެންމެ އިސްކަންދޭ ކަންތައްތައް. ސުލްހަޔާއި ހަމަޖެހުމަށް އިންޑިއާއިން ކުރާ މަސައްކަތްތައް ތަކުރާރުކޮށް، ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށާއި ޑިޕްލޮމެސީއަށް ބާރުއެޅިން،" ބޮޑުވަޒީރު މޯދީ ޓުވީޓު ކުރެއްވިއެވެ.

ހިއްސާ ކުރައްވާ!