ތުރުކީގެ ސަލާމަތީ ދާއިރާގެ އިސް މަސްދަރުތަކަކުން ބުނަނީ އީރާނުން ތުރުކީގެ ބިމަށް އަމާޒުކޮށް އާ ހަމަލާއެއް ދީފިނަމަ، ތުރުކީ އިން ހަނގުރާމއަށް ވަނުމަށް ވިސްނަފާނެ ކަމަށެވެ. އަދި ތުރުކީއަށް ހަމަލާދިނުމަކީ ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އަށް ހަމަލާދިނުން ކަމަށް ވެސް އެ މަސްދަރުތަކުން ބުންޏެވެ.
އެ މަސްދަރުތަކުން އިތުރަށް ބުނި ގޮތުގައި، އީރާނުން ސަރަހައްދުގެ 11 ގައުމަކަށް ހަމަލާދީފައިވީ ނަމަވެސް، ތުރުކީއަށް އަމާޒުކުރުމަކީ އަމަލީ ގޮތުން އިއްތިހާދުގެ މެންބަރު 32 ގައުމަކާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމެވެ. އަދި އެއީ އެއްވެސް ހާލެއްގައި ބުއްދިވެރި އަމަލެއް ނޫން ކަމަށް އެ ފަރާތްތަކުން ދެކެއެވެ.
ސަލާމަތީ މަސްދަރުތަކުން ބުނި ގޮތުގައި، ހަމަލާތަކުގެ ހަގީގަތް ހޯދުމަށް އެއްބާރުލުން ދިނުމަށް ތުރުކީ އޮތީ ތައްޔާރަށެވެ. ނަމަވެސް، މިހާރު އޮތް ހާލަތުގައި ގުޅިފައިވާ ކޮމިޓީއެއް އުފެއްދުމަށް ތެހެރާނުން ހުށަހެޅި ހުށަހެޅުމުގެ ފައިދާއާއި އިތުބާރު ހުރި މިންވަރާ މެދު ސުވާލު އުފެދޭ ކަމަށް އެ ފަރާތްތަކުން ފާހަގަކުރިއެވެ.
ތުރުކީއާ ދިމާއަށް ދެ މިސައިލް ހަމަލައެއް ވަނީ އަމާޒުކޮށްފައެވެ. އީރާނުން ބުނަނީ އެއީ އީރާނުން ފޮނުވި މިސައިލެއް ނޫން ކަމަށެވެ. އަދި އެކަން ތަހުގީގު ކުރުމުގައި ބައިވެރިވާން ތައްޔާރށް އޮތް ކަމަށްވެސް އީރާނުން ބުނެއެވެ. ތުރުކީއަކަށްވެސް އެއީ އީރާނުން ދިނަ ހަމަލައެއްކަން ޔަގީނެއް ނުވެއެވެ. ނަމަވެސް ބައެއް ފަހަރު މާޒީގައި އިސްރާއީލަށް ސަޕޯޓު ކޮށްފައިވާ ތުރުކީގެ ވިސްނުން މިކަމުގައި މުޅިން ސާފެއް ނޫނެވެ.
ތުރުކީން ހުއްޓުވި ދެ މިސައިލް ފޮނުވާލި ފަރާތަކާ މެދު މައުލޫމާތު ހޯދުމުގެ ފުރުސަތުތައް އެބަ އޮތް ކަމަށް އެ މަސްދަރުތަކުން ފާހަގަކުރިއެވެ.
ސަލާމަތީ މަސްދަރުތަކުން ހާމަކުރި ގޮތުގައި، ތުރުކީގެ ވައިގެ ސަރަހައްދާއި ނޭޓޯގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ވަރުގަދަކުރުމަށްޓަކައި، ނޭޓޯއާ ގުޅިގެން މަލާޓިޔާ ޕްރޮވިންސްގައި "ޕެޓްރިއަޓް" ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ތުރުކީން ދަނީ ކުރަމުންނެވެ.
މިކަން މިގޮތަށް ހިނގާފައިވަނީ، ވޮޝިންޓަނާއި ތެލްއަވީވް އިން އީރާނާ ދެކޮޅަށް ޓެރަރިސްޓް ހަމަލަތަކެއްދީ ހަނގުރާމަ ކުރަމުންދާއިރު އެމެރިކާގެ މަރުކަޒުތަކާއި މަސްލަހަތުތަކަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.
ތުރުކީގެ ދިފާއީ ވުޒާރާއިން މިދިޔަ ހޯމަ ދުވަހު އިއުލާންކުރި ގޮތުގައި، މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީގައި ގާއިމުކޮށްފައިވާ ނޭޓޯގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ތުރުކީގެ ވައިގެ ސަރަހައްދަށް ވަތް ބެލިސްޓިކް މިސައިލެއް ނާކާމިޔާބުކޮށްލާފައެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޭޓޯގެ ވައިގެ މިސައިލް ދިފާއީ ނިޒާމުން އެ މިސައިލް ނާކާމިޔާބުކޮށްލާފައިވާ ކަމަށާއި، އޭގެ ބައިތައް ވެއްޓިފައިވަނީ ގައުމުގެ ދެކުނުގައިވާ ގާޒީއަންޓެޕް ޕްރޮވިންސްގެ ހުސް ބިމަކަށް ކަމަށެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުނެފައިވެއެވެ.
އަވަށްޓެރި ގައުމުތަކާ އޮންނަ ގުޅުމަށާއި ސަރަހައްދީ ހަމަޖެހުމަށް ތުރުކީން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް، ތުރުކީގެ ބިމަށް ނުވަތަ ވައިގެ ސަރަހައްދަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ދެކޮޅަށް، އެއްވެސް ފަސްޖެހުމެއް ނެތި ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް އަލުން ކަށަވަރުކޮށްދޭ ކަމަށްވެސް ބުނެފައިވެއެވެ.
މި ބަޔާންގައި ބުނެފައިވަނީ، މިކަމުގައި ތުރުކީން ދޭ އިންޒާރުތަކަށް ބޯލެނބުމަކީ އެންމެންގެ މަސްލަހަތު އޮތް ގޮތް ކަމަށް ތުރުކީން ހަނދާންކޮށްދޭ ކަމަށެވެ.
ގާޒީއަންޓެޕަށް މިސައިލެއް ވެއްޓުމާ ގުޅޭގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ، ނޭޓޯއާއި އެހެނިހެން ބައިވެރިންނާ ގުޅިގެން ތުރުކީން ކަންތައްތައް ހިނގާގޮތް ބަލަމުންދާނެ ކަމަށެވެ. އަދި އިޚްލާޞްތެރިކަމާއެކު އިންޒާރު ދެމުންދަނިކޮށްވެސް، އީރާނުން ވަރަށް ގޯސް އަދި އުދުވާނީ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވިދާޅުވެ އިންޒާރު ދެއްވިއެވެ.
އީރާނުން ބުނަނީ ތުރުކީގެ އިސްތިގުލާލަށް އިހުތިރާމްކުރާ ކަމަށެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، ތުރުކީގެ ރައީސަށް ފޯނުން ގުޅުއްވައި، ތުރުކީގެ ބިމަށް އީރާނުން މިސައިލް ފޮނުވާލި ކަމަށް ބުނާ ވާހަކަތައް ތަހުގީގު ކުރުމަށް ގުޅިފައިވާ ޓީމެއް އުފެއްދުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.







