މިސޮރު ރޭސްކާރު ދުއްވާ ލަައިސަންސް ނެގީ އުމުރުން 5 އަހަރުގައި

ދުނިޔޭގެ އެންމެ ހަގު ޕްރޮފެޝަނަލް ކާރު ރޭސަރުންގެ ތެރޭގައި، ޗައިނާގެ ޒުވާން ކާރު ދުއްވުންތެރިއަކު ހިމެނިގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ.

ޝާއޯ ޒިޔާން ރޭސިންގ ލައިސަންސް ހޯދާފައިވަނީ އުމުރުން އެންމެ ފަސް އަހަރުގައެވެ. މިހާރު ވެފައިވަނީ ޗައިނާގައި ލައިސަންސް ލިބުނު އެންމެ ހަގު ރޭސިންގ ޑްރައިވަރަށެވެ.

މޮޓޯސްޕޯޓްސްއަށް ޒިޔާންގެ ހިތްޖެހުނީ އާދަޔާ ޚިލާފު ތުއްތު އުމުރެއްގައެވެ. އޭނާ ރޭސިންގ ސިމިއުލޭޓަރ ގޭމްތައް ކުޅެން ފެށީ އުމުރުން އެއް އަހަރު ގައެވެ. މިއީ އޭނާގެ ކިބައިގައި ކާރު ދުއްވުމާއި ރޭސިންގއަށް ޝައުގުވެރިކަން އުފެދުމަށް އެހީތެރިވެދިން ކަމެކެވެ.

އުމުރުން ދެ އަހަރާއި އަށް މަހުގައި އޭނާ ގޯކާޓް ދުއްވަން ފެށިއިރު، ހަތަރު އަހަރުގައި ވަނީ ރޭސިންގ މުބާރާތްތަކުގައި ވާދަކުރަން ފަށާފައެވެ.

އޭނާގެ ހުނަރުވެރިކަން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ބައިނަލްއަގުވާމީ ރޭސިންގ ސިމިއުލޭޓަރ މުބާރާތެއްގައެވެ. 10 ހާހަށް ވުރެ ގިނަ ބައިވެރިން ވާދަކުރި އެ މުބާރާތުން އޭނާ ވަނީ 27 ވަނަ ހޯދާފައެވެ.

އެހާ ތުއްތު އުމުރެއްގައި އޭނާ ދައްކަމުންދާ އާދަޔާ ހިލާފު ހުނަރާއި ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުން، މީޑިއާއިން ޝާއޯ ޒިޔާން ސިފަކުރަނީ ޗައިނާގެ އެންމެ ހަގު ޕްރޮފެޝަނަލް ރޭސިންގ ޑްރައިވަރުގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!