އީރާނުގެ ދުރު ރާސްތާގެ އަމާޒުތަކަށް ހަމަލާދިނުމަށް އިސްރާއީލުގެ އެއާފޯސް ޕައިލެޓުން ތައްޔާރުވަމުންދާއިރު، ހަށިގަނޑު ހޭލައްވާފައި ބެހެއްޓުމަށް ބޭނުންކުރާ ޚާއްސަ "ސްޓިމިއުލަންޓް" ބޭސްތަކާ ގުޅޭގޮތުން ޑޮކްޓަރުންނާއި ދިފާއީ މާހިރުންގެ މެދުގައި އާދަޔާ ހިލާފު ބަހުސެއް އިސްރާއީލުގައި ފެށިއްޖެއެވެ. މި ހަފުތާގައި އިބްރާނީ މީޑިއާން މިކަމާ ގުޅޭ ގިނަ ރިޕޯޓުތަކެއް ޝާއިއުކޮށްފައިވާއިރު، ހުކުރު ދުވަހު ވަނީ އާ ތަފުސީލުތަކެއް ހާމަވެފައެވެ.
މީގެ ކުރިން، ވިޔަފާރި ދުވަހު ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބޭސް ބޭނުންކުރަނީ ހަމައެކަނި ޕައިލެޓުންނެއް ނޫނެވެ؛ އެހެން ސިފައިން ވެސް މި ބޭސް ބޭނުންކުރެއެވެ. އެ ނޫހުން ބުނާގޮތުގައި، އަސްކަރީ ދިރާސާތަކުން ދައްކަނީ ނިދުމާއި، ކާނާއާއި، ތަމްރީނު ފަދަ އާންމު ގޮތްތަކުން ހޭލާ ހުރުމަށް ކުރާ މަސައްކަތް ކޮޅުންލުމުން، މި ބޭސް ބޭނުންކުރުން ބޭނުން ނުކުރުމަށްވުރެ ރައްކާތެރި ކަމަށެވެ.
ހުކުރު ދުވަހު ޔަހޫދީ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، އީރާނަށް ކުރާ ދިގު ދަތުރުތަކުގައި އިސްރާއީލުގެ ޕައިލެޓުން ބަރޯސާވަނީ ހަމައެކަނި އެމީހުންގެ ގުދުރަތީ ގާބިލުކަމަކަށް ނޫނެވެ. އެއާފޯސްއިން ޕައިލެޓުންނަށް ސްޓިމިއުލަންޓް ބޭސްތައް ދެނީ ހޭލާ ހުރުމަށާއި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ. މީގެ އިތުރުން، ހަށިގަނޑު ވަރުބަލިވާން ފެށުމުން އިންޒާރުދޭ "ބަޔޯމެޓްރިކް ސެންސަރު" ތަކުގެ އެހީގައި ސައިންޓިފިކް ނިޒާމެއްގެ ދަށުން މިކަން ބެލެހެއްޓެއެވެ. އެއްގަމު ސިފައިން ވެސް މިހާރު ދަނީ މި ނިޒާމު ބޭނުންކުރަމުންނެވެ.
ޖެނޮސައިޑް ސިފައިންގެ އިސް އޮފިޝަލަކު ސިފަކުރި ގޮތުގައި، މިއީ ވަރުބަލިކަމާ ދެކޮޅަށް "ފަރުދާގެ ފުރަގަހުގައި" ކުރިއަށްދާ ސައިންޓިފިކް އަދި ޓެކްނޮލޮޖީގެ ހަނގުރާމައެކެވެ. ކުރިން ހަމައެކަނި ސިފައިންގެ ކެތްތެރިކަމަށް ބަރޯސާވި އެއާފޯސްއިން، މިހާރު ބޭނުންކުރަނީ ކުރިން ސިއްރުކޮށްފައިވާ އެލްގޮރިދަމްތަކާއި، ބަޔޮލޮޖިކަލް މޮނިޓަރިން އަދި މެޑިކަލް އުސޫލުތަކެވެ.
މިކަމުގައި އޮތް ގޮންޖެހުމަކީ ހަމައެކަނި ކޮކްޕިޓް ތެރޭގައި ނިދިޖެހުމުގެ ނުރައްކަލެއް ނޫނެވެ. ދިގު މިޝަންތަކުގެ ސަބަބުން ވިސްނުމާއި، ދަސްކުރުމާއި، ސަމާލުކަން ދިނުމާއި ހަނދާން ބެހެއްޓުމުގެ ނިޒާމުތައް މަޑުމަޑުން ބަލިކަށިވެގެންދެއެވެ. ބޮޑަށް ވަރުބަލިވުމުން ގޮތް ނިންމުމުގައި ގޯސްތައް ހެދުމާއި، ލަސްވުމާއި، އަވަހަށް އިޖާބަދިނުމުގެ ގާބިލުކަން ކުޑަވެއެވެ.
ޖޫން 2025 ގައި ހައިފާ ޔުނިވާސިޓީއާއި އެއާފޯސްގެ އެއިރޯމެޑިކަލް ސެންޓަރުން ގުޅިގެން ނެރުނު ދިރާސާއަކުން ދައްކާގޮތުގައި، 24 ގަޑިއިރު ނުނިދާ ހުރުމުން ޕައިލެޓުންގެ ސަމާލުކަމާއި ވިސްނުމުގެ ގާބިލުކަން 70 އިންސައްތަ ދަށަށްދެއެވެ.
އޮޕަރޭޝަނަލް ބޭނުންތަކާއި އިންސާނީ ކުޅެދުންތެރިކަމާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށްޓަކައި، އެއާފޯސްއިން ބަރޯސާވަނީ ދެ ބާވަތެއްގެ ބޭހަކަށެވެ. އެއީ ކެފެއިން އަދި "ޕްރޮވިޖިލް" ގެ ނަމުގައި ވިއްކާ "މޮޑަފިނިލް" އެވެ.
މި ބޭހަކީ ޖެނޮސައިޑް ސިފައިން ގެ ހަށިގަނޑުގެ ތައްޔާރީ ގެ ނަމުން ނަންދީފައިވާ އުނދަގޫ ތައްޔާރުވުމުގެ މަރުހަލާގެ އެއް ބައެވެ.
މިޝަންގެ 72 ގަޑިއިރު ކުރިން، ޕައިލެޓުން ހަރުކަށި އުސޫލެއްގެ ދަށުން ކޮންމެ ދުވަހަކު 9 ނުވަތަ 10 ގަޑިއިރު އަނދިރި، ހިމޭން ތަނެއްގައި ނިދަންޖެހެއެވެ. ފުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ނާރުގެ ނިޒާމު ތާޒާކޮށްލުމަށްޓަކައި، ގަދަ ނިދީގެ ތެރެއަށް ނުގޮސް 20 އާއި 40 މިނެޓާ ދެމެދު ވަގުތަކަށް ލޯމަރާލަން ޖެހެއެވެ.
ކާނާގެ ކަންކަން ވެސް ކުރިއާލާ ރޭވުމުގެ ތެރޭގައި ހިމެނެއެވެ. އޮފިޝަލް ބުނާ ގޮތުގައި، މިޝަން ރާވާ ފަރާތްތަކުން ޕައިލެޓުން ހޭލާ ތިބޭނެ ވަގުތާއި، ނިދާނެ ވަގުތާއި، ކުރަންޖެހޭނެ މަސައްކަތުގެ މިންވަރު ބަލައި، އެއާ އެއްގޮތަށް ހަށިގަނޑުގެ ތައްޔާރީތައް ބައްޓަންކުރެއެވެ. އާންމު އިރުޝާދުތަކުން ނުފުދޭނަމަ، ހޭލާ ހުރުމަށް އެހީތެރިވާ މާއްދާތައް ބޭނުންކުރެއެވެ.
މިޝަންތައް ނިންމުމަށްފަހު، ޖަމާވެފައިވާ ވަރުބަލިކަމުން ސަލާމަތްވުމަށްޓަކައި ޕައިލެޓުންނަށް އަރާމުކޮށް ނިދުމަށް އަމުރުކުރެވެއެވެ. ވަރުބަލިކަން މެނޭޖްކުރުމަށާއި ދިގު މުއްދަތަކަށް މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް ޔަހޫދީ އެއާފޯސްއިން ބޮޑު ހޭދައެއް ކުރާ ކަމަށް ބުނެއެވެ.





