އިރާނަށް އަމާޒުކޮށް އެމެރިކާ އާއި އިސްރާއީލުން ދިން އަސްކަރީ ހަމަލާތަކަށްފަހު، ރައްދުގައި އިރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފާނެ ކަމަށް ބަލައި އެކަމަށް އެމެރިކާގެ އިސް މަސްއޫލުވެރިން ދިން ސަމާލުކަން ކުޑަވުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. ސީއެންއެން އިން ހުކުރު ދުވަހު އާންމުކުރި ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން، ވޮޝިންޓަނުގެ ނިންމުންތައް ނިންމާ ފަރާތްތަކުން ވަނީ އިރާނުގެ މި އިންޒާރަށް މާބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލާފައެވެ. ނަމަވެސް އީރާނުން އެޅި ދިފާއީ ފިޔަވަޅުތަކުން މިފަރާތްތައް މިހާރު ވަނީ ސިފި އޮޅިފައެވެ.
ސީއެންއެންގެ ތަހުގީގުން ހާމަވާ ގޮތުގައި، އަސްކަރީ އޮޕަރޭޝަން ރޭވުމުގެ މަރުހަލާގައި އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓާއި ޓްރެޜަރީން ދިން އިންޒާރުތަކަށް އެކަށީގެންވާ ސަމާލުކަމެއް ދީފައެއް ނުވެއެވެ.
ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އަދި އެނާޖީ ސެކްރެޓަރީ ކްރިސް ވައިޓް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް މަދު މުޝީރުންތަކެއްގެ ނިންމުންތަކަށް ބުރަވުމުގެ ސަބަބުން، އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކުގެ އިންޒާރުތައް ވަނީ އެއްފަރާތް ކުރެވިފައެވެ.
ވޮޝިންޓަނުގެ ތިން މަސްދަރަކުން ސީއެންއެން އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ސަރުކާރުގެ އިސް ބޭފުޅުން ކޮންގްރެސްގެ މެންބަރުންނާއެކު ބޭއްވި ސިއްރު ބައްދަލުވުންތަކުގައި ވަނީ އިރާނުން ކަނޑުއޮޅި ބަންދުކޮށްފާނެ ކަމަށް ލަފާނުކުރެވޭ ކަމަށް ބުނެފައެވެ. އަދި އެ ބޭފުޅުން ގަބޫލުކުރެއްވި ގޮތުގައި އެފަދަ ފިޔަވަޅެއްގެ ސަބަބުން އެމެރިކާއަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ އިރާނަށެވެ. އަދި މީގެ ކުރިންވެސް އިރާނުން ދީފައިވާ މިފަދަ އިންޒާރުތައް އަމަލީ ގޮތުން ތަންފީޒުކޮށްފައި ނުވުމަކީ މި ނިންމުމަށް ބާރު ލިބުނު ކަމެކެވެ.
އެމެރިކާގެ ކުރީގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ، މިފަދަ ނުރައްކާތެރި ހާލަތަކަށް ޓްރަމްޕް ތައްޔާރުނުވުމަކީ ގައުމީ ސަލާމަތާ ބެހޭ އުސޫލުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ. "މިފަދަ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު ކުޑަ ކަމަށް ފެނުނު ކަމުގައިވިޔަސް، އެކަމުން ރައްކާތެރިވުމަށް ރޭވުންތައް އެކުލަވާލުމަކީ އެމެރިކާގެ ގައުމީ ސަލާމަތީ ސިޔާސަތުގެ އަސާސެއް. އަޅުގަނޑު ހުރީ ހައިރާންވެފައި،" އޭނާ ވިދާޅުވިއެވެ.
ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ވަނީ ތާރީޚުގައި ނުފެންނަ ފަދަ ބޮޑު ބުރޫއެއް އަރާފައެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ހާމަކުރި ގޮތުގައި، މި ސަރަހައްދުން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރާއި ތެޔޮ ޓޭންކަރުތަކުގެ ދަތުރުތައް ވަނީ މެދުކެނޑިފައެވެ. މިހާރު އުފެދިފައިވާ މަސްރަހަށް ބަލާއިރު، މި ހާލަތު ރަނގަޅުވުމަށް އަދި ހަފުތާތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.







