އެމެރިކާގެ ޑިމޮކްރެޓުން ހިންދު ރަޖަބަށް އިންސާފު ހޯދައި ދެނީ

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން 'ޖަސްޓިސް ފޯ ހިންދު ރަޖަބް އެކްޓް' ގެ ނަމުގައި ހިންދު ރަޖަބަށް އިންސާފު ހޯދައިދޭ ބިލެއް ހުށަހަޅައިފިއެވެ. މި ބިލަކީ ޣައްޒާ ޖެނޮސއިޑްގައި އުމުރުން އެންމެ ހަ އަހަރުގެ ފަލަސްތީނު ކުއްޖެއް ކަމަށްވާ ހިންދު ރަޖަބް ޝަހީދުކޮށްލި ހާދިސާއާ ގުޅޭގޮތުންނާއި، އެ ހާދިސާގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބެލުމަށް ސްޓޭޓް ޑިޕާޓްމަންޓާއި ޑިފެންސް ޑިޕާޓްމަންޓަށް މަޖުބޫރުކުރާ ގާނޫނެކެވެ.

ސެނެޓަރު ޕީޓާ ވެލްޗް އަދި މެމްބަރުން ކަމަށްވާ ޕްރަމީލާ ޖަޔަޕާލް އާއި ސާރާ ޖެކޮބްސް އިސްވެ ތިއްބަވައިގެން ހުށަހެޅުއްވި މި ބިލުގެ ދަށުން، 45 ދުވަހުގެ ތެރޭގައި ރަސްމީ ރިޕޯޓެއް އެމެރިކާ ސަރުކާރުން ހުށަހަޅަން ޖެހެއެވެ. މި ރިޕޯޓުގައި ހިންދު ރަޖަބް މަރާލުމުގައި އެމެރިކާގެ ފޮރިން އެސިސްޓެންސް އެކްޓާއި އަދި ލީހީ ލޯއާ ޚިލާފުވެފައިވޭތޯ ބަލަންޖެހެއެވެ. ލީހީ ލޯއަކީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ބޭރުގެ އަސްކަރީ ބާރުތަކަށް އެމެރިކާގެ އެހީ ދިނުން މަނާކުރާ ގާނޫނެކެވެ.

ހިންދު ރަޖަބް މަރާލާފައިވަނީ 29 ޖެނުއަރީ 2024 ގައި، އޭނާގެ އާއިލާގެ ފަސް މެންބަރުންނާއެކު އުތުރު ޣައްޒާއިން ރައްކާތެރިކަން ހޯދަން ދަނިކޮށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައެވެ. އެ ކުއްޖާ އެހީއަށް އެދި ފަލަސްތީނުގެ އެހީދޭ ޖަމިއްޔާތަކަށް ކުރި ފޯނު ކޯލުތަކަކީ ޣައްޒާގެ ހިތްދަތި ހާލަތު ދުނިޔެއަށް ހާމަކޮށްދިން ވަރުގަދަ ރަމްޒެކެވެ. އޭނާގެ ވާހަކަ ކިޔައިދޭ "ދަ ވޮއިސް އޮފް ހިންދު ރަޖަބް" ފިލްމު ވަނީ މިއަހަރުގެ އޮސްކާ އެވޯޑަށްވެސް ނޮމިނޭޓްވެފައެވެ.

މި ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި، 7 އޮކްޓޯބަރު 2023 ގެ ފަހުން އެމެރިކާއިން ވަނީ އިސްރާއީލަށް 21.7 ބިލިއަން ޑޮލަރަށްވުރެ ގިނަ އަސްކަރީ އެހީ ޖެނޮސައިޑް ހިންގަން ފޯރުކޮށްދީފައެވެ. މިއީ އިސްރާއީލުން ޣައްޒާގައި ކުރާ ހަނގުރާމައިގެ ޚަރަދުތަކުގެ ބޮޑު ބައެކެވެ. މީގެ އިތުރުން، އެމެރިކާގެ ގާތްގަނޑަކަށް 10 ހާސް މީހުން މި ހަނގުރާމައިގައި ބައިވެރިވުމަށް ހަރަކާތްތެރިވެފައިވާ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'އޭ ނިއު ޕޮލިސީ' އިން ބުނެފައިވަނީ، އިސްރާއީލުން އަމިއްލައަށް ކުރާ ތަހުގީގުތަކަށް އިތުބާރު ނުކުރެވޭނެ ކަމަށާއި، އެހެންކަމުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު ފަދަ އިދާރާތަކުގެ ތަހުގީގާއި މިފަދަ ގާނޫނުތައް މުހިންމު ކަމަށެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި، 2023 އޮކްޓޯބަރުން ފެށިގެން މިހާތަނަށް ޣައްޒާގައި 20,000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ.

އދން ވަނީ އިޒްރޭލުން ޣައްޒާގައި ހިންގި ޖަރީމާއަކީ ފަލަސްޠީނުގެ ޖެނޮސައިޑް ކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!