ރާއްޖޭގައި ގޭސް ސްޓޮކް އެބަހުރި ކަމަށާއި، ތެލާއި ގޭހުގެ އިތުރުން އަސާސީ އެއްވެސް ބާވަތަކުން ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަޤީންކަން މާލީ ވަޒީރު މޫސާ ޒަމީރު ދެއްވައިފިއެވެ. ވަޒީރު މި ޔަޤީންކަން ދެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ހުޅުމާލެ އުތުރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ވަޒީރު ޒަމީރު ވިދާޅުވީ ދުނިޔޭގައި މިހާރު ފެށިފައިވާ ހަނގުރާމައާ ގުޅިގެން އަސާސީ ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން އަސާސީ ބާވަތްތައް ހުސްނުވެ ލިބޭނެކަން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ކަމާގުޅޭ ވަޒީރުންގެ ކޮމެޓީން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ހަމަޖެއްސުމަށް ވެސް ޚާއްސަ އިސްކަމެއް ދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގޭހާއި ތެލުގެ ސްޓޮކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ،
"ގޭސް އަބަދުވެސް ރާއްޖޭގައި ހުންނަ ވަރަށް މިހާރުވެސް ސްޓޮކް އެބަހުރި. އަދި ބަނދަރުގައި މިހާރުވެސް ގޭސް ވިއްކާ ކުންފުނީގެ ޓޭކަރެއް އެބައޮތް. އެހެންވީމަ ދަތިތަކެއް ނެތި އަޅުގަނޑުމެންނަށް ގޭސް ލިބޭނެ އިރާދަކުރެއްވިއްޔާ. އަދި ތެޔޮ ހިފައިގެން މިހާރުވެސް އެސްޓީއޯގެ އަމިއްލަ ދެ ބޯޓް ރާއްޖެއާ ދިމާއަށް އެބަ ދަތުރުކުރޭ" ކަމަށެވެ.
ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ބުރަ ބޮޑުނުވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނައަށް ވުރެ ބޮޑުވެފައިވީ ނަމަވެސް، ރާއްޖޭގައި ތެލުގެ އަގު އުފުލިފައިވަނީ 30 އިންސައްތައަށް ވުރެ ވެސް ކުޑަ މިންވަރަކަށް ކަމަށް ޒަމީރު ވިދާޅުވިއެވެ.
ކާޑުގެ ބާވަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މިންވަރަށް މިވަގުތުވެސް ކާޑު އެބަހުރި ކަމަށާއި، އެކަންކަން ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ހަމައެއާއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އެކި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.


