"މީގެ ދެމަސްކުރިންވެސް ރާއްޖޭގެ ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ވިދާޅުވެފައި އެހުރީ، މިއީ ވަރަށް ބޮޑަށް ތާައީދުކުރައްވާ ވަރަށް ރަނގަޅު ކަމެކޭ. އެހެންނަމަވެސް ދެ މަސްފަހުން މިކަން ކަމުނުދިޔައީ، ސިޔާސީ ކޮންމެވެސް މަންފާއެއް ހޯދުމަށްކަން އެއީ މިކަން ކަމުނުދާތީ ނޫންކަން ރައްޔިތުންނަށް ވަރަށް ސާފުވާނެ،" ފަލާހު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގެނައި އިސްލާހަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް މާލެ ސިޓީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ދޮރުން ދޮރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތުގައި ބައިވެރިވެވަޑައިގެން ދެއްވި ބަސްދީގަތުމެއްގައެވެ.

ފަލާހު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ދުސްތޫރީ އަދި އިދާރީ ނިޒާމުގައި ހުރި އުނިކަންކަން އިސްލާހުކުރައްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ރައްޔިތުންގެ ހެޔޮ ބަސް ރައީސް މުޢިއްޒަށް ލިބިވަޑައިގެންފާނެތީ އިދިކޮޅު ލީޑަރުން ކަންބޮޑުވެވަޑައިގަންނަވައެވެ. އަދި މި ބަދަލަކީ މީގެ ކުރިން ހެދިފައިވާ ސާވޭތަކުން ރައްޔިތުންގެ 90 އިންސައްތަ ތާއީދު އޮތް ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލާ ދެކޮޅުހައްދަވާ ބައެއް ކުރީގެ ރައީސުންނަކީ މީގެ ކުރިން މި ބަދަލަށް ވަކާލާތު ކުރެއްވި ބޭފުޅުންކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، މީގެ ދެ މަހެއްހައި ދުވަސް ކުރިން އެއް ދުވަހެއްގައި އިންތިހާބުތައް ބޭއްވުމަށް ވާހަކަދެއްކެވި ބޭފުޅުން ކުއްލި ގޮތަކަށް ރޫހު ބަދަލުވީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކަމަށެވެ.
ގާނޫނުއަސާސީ އެކުލަވައިލި ޚާއްސަ މަޖިލީހުގެ މަރުހަލާގައިވެސް މިގޮތަށް އިންތިހާބުތައް އެއްކޮށްލުމަށް މަސައްކަތް ކުރެވުނުކަން ފާހަގަކުރައްވަމުން، ފަލާހު ވިދާޅުވީ މި ސަރުކާރުން ގެންނަ ހެޔޮ ބަދަލުތަކުގެ ކްރެޑިޓް ރައީސް މުޢިއްޒަށް ލިބި، ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް އިތުރުވެދާނެތީ އިދިކޮޅު ފަރާތްތަކުން ޖެހިލުންވަނީ ކަމަށެވެ.
ފަލާހު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ދައުލަތުގެ ޚާރަދުތައް ކުޑަވެގެންދާނެ ކަމެއް ކަމަށާއި، މިއީ ރައްޔިތުން ބޭނުންވާ އިސްލާހެއް ކަމަށެވެ.


