އިންތިޚާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މެދުކަނޑާލި ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން އަލުން ފަށައިފިއެވެ. މި މަސައްކަތް މިހާރު ކުރިއަށްދަނީ ސޯޝަލް ސެންޓަރުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިޚާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، އިންތިޚާބީ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިހާރުވެސް މެދުކަނޑުމެއް ނެތި ކުރިއަށްދާ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން އިންތިޚާބާ ބެހޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ. އަދި މި ހާދިސާގެ ސަބަބުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލަން ޖެހުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ނަމަވެސް ސޯޝަލް ސެންޓަރުގައި މި މަސައްކަތް އަލުން ފެށުމާއެކު، އިންތިޚާބުގެ ތައްޔާރީތައް ބާރުސްޕީޑުގައި ކުރިއަށްދާކަން ކޮމިޝަނުން ފާހަގަކުރެއެވެ.


