ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ދާޚިލީ ސަލާމަތުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ވަޒީރު އިހުސާން މި ރައްދު ދެއްވީ، ފާއިތުވި ދެ އަހަރު އައްޑޫއަށް ސަރުކާރުން ކޮށްދިން ކަމެއް ނެތް ކަމަށް ބުނެ ހަރުދަނާ ވާހަކައެއް ދެއްކެވުމަށް ގޮވާލައި މޭޔަރު ނިޒާރު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، ހޯމް ސެކްޓާއިން އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެ ކަންކަމުގެ ތަފްސީލީ ލިސްޓެއްވެސް ވަނީ ހިއްސާކުރައްވާފައެވެ.

ވަޒީރު ވަނީ އައްޑުއަށް ކޮށްދެވިފައިޥާ ކަންކަން ލިސްޓުކޮށްދެއްވާފައެވެ. އެގޮތުން:
އައްޑޫ ސިޓީގައި މެދުކެނޑިފައި އޮތް އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ހިތަދޫގައި އަލުން ފަށައި، ފޭދޫގައި އަލަށް މި ޚިދުމަތް ވަނީ ތައާރަފްކޮށްފައެވެ. މީގެ އިތުރުން ހިތަދޫ އާއި ފޭދޫން ޕާސްޕޯޓް ދޫކުރުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސައިދީފައެވެ. ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށްޓަކައި އައްޑޫގައި އުޅޭ 2500 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސް ނަގައި، ފިންގަރޕްރިންޓާއި ފޭޝަލް ރެކޮގްނިޝަން މެދުވެރިކޮށް ކާކުކަން ދެނެގަނެވޭނެ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި ޚާއްސަ ހަރަކާތެއްގައި 678 މީހަކާ ސުވާލުކޮށް، އޭގެ ތެރެއިން 83 ފަރާތެއް ވަނީ ބަންދުކޮށްފައެވެ.
ޢިމާރާތްކުރުމުގެ ދާއިރާއިން ބަލާއިރު، މަރަދޫގައި ހުންނަ ކަސްޓަމްސްގެ ސަރަހައްދީ މައި އޮފީހުގެ މަސައްކަތް އަވަސްކޮށް، އެތަން ހުޅުވައި ޚިދުމަތްތައް ވަނީ އަވަސްކޮށްދީފައެވެ. ހިތަދޫގައި ހަދާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް މާޗް 30 ގައި ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ފޭދޫގައި ހުންނަ ފުލުހުންގެ ރީޖަނަލް ހެޑްކުއާޓާރޒް އަންނަ ޖޫން މަހު ހުޅުވޭނެއެވެ. ހިތަދޫގައި ހަދާ އިމިގްރޭޝަންގެ އާ އިމާރާތް އޮކްޓޯބަރުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، ހިތަދޫގައި އަލަށް ބިނާކުރާ ފުލުހުންގެ މަރުކަޒުވެސް މިއަހަރު ނިމި ޚިދުމަތް ދޭން ފަށާނެއެވެ. މީގެ އިތުރުން މަރަދޫގައި އަޅާ ފުލުހުންގެ އިމާރާތުގެ މަސައްކަތް ޖޫން މަހު ފަށައި، އަންނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭނެއެވެ.
ޚިދުމަތްތައް ޒަމާނީކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ދޭ 15 ޚިދުމަތެއް މިހާރު 'ވަންގަވް' މެދުވެރިކޮށް އޮންލައިންކޮށް ލިބޭނެއެވެ. އަދި އިމިގްރޭޝަން އޮފީހަށް ނުގޮސް ބިދޭސީންނަށް ވިސާ ދޫކުރެވޭނެ އީ-ވިސާގެ ޚިދުމަތްވެސް ވަނީ ތައާރަފްކޮށްފައެވެ. ސަލާމަތީ ކަންކަމަށް ބަލާއިރު، 2023 އާ އަޅާބަލާއިރު 2025 ވަނަ އަހަރު އައްޑޫގައި ތިބި ތަމްރީނުލިބިފައިވާ ފުލުހުންގެ އަދަދު 19 އިންސައްތަ ވަނީ އިތުރުކުރެވިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގޭންގް މާރާމާރީތައް 72 އިންސައްތަ މަދުވެ، ފޭރުމުގެ މައްސަލަތައް 39 އިންސައްތަ ވަނީ ދަށްކުރެވިފައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް 34 އިންސައްތަ އިތުރުކޮށް، ޑްރަގް ނެޓްވޯކުތައް ނައްތާލުމަށް މުޅިން އަލަށް 6 އޮޕަރޭޝަނެއް ވަނީ ކާމިޔާބުކަމާއެކު ހިންގާފައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މި މަސައްކަތްތައް މޭޔަރަށް އެނގިވަޑައިނުގަތުމަކީ ސަރުކާރާ އިދިކޮޅު ވިސްނުމެއްގައި މަސައްކަތް ކުރުމުގެ ނަތީޖާއެވެ. ސަރުކާރާ ގުޅިގެން މަސައްކަތް ކުރާ ކައުންސިލެއް ނަމަ، މި މަޝްރޫއުތައް ހިންގާ ގޮތް ބަލައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަން ދެނެގަނެވި، ރައްޔިތުންނަށް މިއަށްވުރެ ފުރިހަމަ ހިދުމަތެއް ދެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފުރިހަމަ މަޢުލޫމާތު ކައުންސިލުން ރައްޔިތުންނަށް ދެވޭނެ،" ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.
ވަޒީރުގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވީ، އައްޑޫއަށް ކޮށްދެވިފައިވާ ކަންކަން މޭޔަރު ނިޒާރަށް ނޭނގުމަކީ، އައްޑޫ ސިޓީގެ ރައްޔިތުން މިފަހަރު ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލަރުންނާއި މޭޔަރެއް ހޮވަންޖެހޭ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.


