ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައިވަނީ އުސްތާޛު ސުއޫދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވިއިރު: މުހުތާޒް މުހުސިން

"ރަޖިސްޓްރާގެ އެފަދަ ނިންމުންތައް ރަނގަޅުކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ތެރޭގައި އުސްތާޛު ސުއޫދު ހިމެނޭ،": މުހުތާޒު މުހުސިން

ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަޑުއެހުމެއް ނުބާއްވައި ރަޖިސްޓްރާ މެދުވެރިކޮށް ގޮތް ނިންމުމާ ގުޅޭގޮތުން ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރައްދު ދެއްވައިފިއެވެ.

މި މައްސަލައިގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުހުތާޒު ވިދާޅުވީ، ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައިވަނީ އުސްތާޛު ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ދުވަސްވަރު ކަމަށެވެ. އަދި ރަޖިސްޓްރާއަށް އެ ބާރު ދިނީވެސް އޭރުގެ ސުޕްރީމް ކޯޓުންކަން މުހުތާޒު ފާހަގަކުރެއްވިއެވެ. "ރަޖިސްޓްރާގެ އެފަދަ ނިންމުންތައް ރަނގަޅުކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ތެރޭގައި އުސްތާޛު ސުއޫދު ހިމެނޭ،" މުހުތާޒު ވިދާޅުވިއެވެ.

މި ބަހުސް އުފެދުނީ ރިފަރެންޑަމްއަކަށް އަހަންޖެހޭ ކަމެއްގައި 15 ދުވަސް ތެރޭގައި ބިލާމެދު ގޮތެއް ނުނިންމުމުން ބިލު ބާތިލުވާނެ ކަމަށް ބުނެ ހުށަހެޅި ދައުވާއަކާ ގުޅިގެން ސުއޫދު ފާޅުކުރެއްވި ޚިޔާލަކާ ގުޅިގެންނެވެ. ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުން މި މައްސަލައިގައި ކަންކުރި ގޮތަކީ އަޑުއެހުމެއް ވެސް ނުބާއްވައި ނިޔާ ކަނޑައެޅުން ކަމަށެވެ.

ސުއޫދު އިތުރަށް ސުވާލު އުފެއްދެވީ، ދައުވާ ކުރާ މީހާގެ ވާހަކަ އަޑުއެހުމެއް ނެތި ނިޔާ ކަނޑައެޅުމަކީ ގޯހެއް ނޫންތޯއެވެ؟
ނަމަވެސް މުހުތާޒުގެ ރައްދު އަމާޒުވީ މިފަދަ އިޖުރާއަތްތަކަކީ ސުއޫދު، ފަނޑިޔާރުކަމުގައި ހުންނެވިއިރުވެސް އަމަލުކުރަމުންދިޔަ އަދި ސުއޫދު ތާއީދުކުރެއްވި އުސޫލުތަކެއް ކަމަށް ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ބިލު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ.

ސުޕްރީމް ކޯޓުން އެމައްސަލަ ބަލައި ނުގަތުމަށް ނިންމީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ރައުފާ ހައިދަރު އެވެ. ރައުފާގެ ނިންމެވުމުގައި ވަނީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ހިމެނޭ އުސޫލެއްގެ ބިލެއް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ގާނޫނުއަސާސީގައި ލާޒިމުކުރާ ބިލެއް ތަސްދީގުކުރުމުގައި ބަލަން ޖެހޭނީ ގާނޫނުއަސާސީ އިސްލާހުކުރާ ބާބުގައި ހިމެނޭ ކަންކަމަށާއި އަދި އެ ބާބުގައި ހިމެނޭ ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ، 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް އަންގަވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެފަދަ ބިލެއް ރައީސް ތަސްދީގުކުރައްވަން ނުފެންނަ ކަމަށް ވަނީ ނަމަ ކަމަށާއި، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށް މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ނުކުރުމަށް ރައީސް ނިންމަވާފައެއް ނުވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގު ކުރައްވާނީ 4 އެޕްރީލްގައި އޮންނަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާގައި ރައްޔިތުން ރުހުންދޭ ގޮތަކަށް ބައްލަވާފައެވެ.

އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމަށްފަހު، އެއާ އެކު ހުށަހެޅި އަނެއް މައްސަލަ ބަލައިގަނެ މާދަމާ ޝަރީއަތް ފެށުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައިވަނީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކް އަހުމަދު އީސަ އާއި އިބްރާހިމް ޝިޔާމް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެވެ.

މި ދެ ވަކީލުން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ނިޒާމީ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ފުށުއަރާ ސުވާލެއް ކަމަށެވެ. އެހެންކަމުން އެ ސުވާލާއެކު ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލައިގައި އެދިފައިވެއެވެ.

މީގެ އިތުރުން، ފެންނަ ނުފެންނަ ވޯޓާ ގުޅުންހުރި ބައެއް މައްސަލަތައް އެމްޑީޕީން މީގެ ކުރިން ހައި ކޯޓަށް ވެސް ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކުގައި ވޯޓުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވީ ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ހިއްސާ ކުރައްވާ!