"ގާނޫނުއަސާސީގެ އަށްވަނަ ބިލުގައި ހިމެނޭ އިސްލާހުތައް ތަސްދީގުކުރުމާމެދު އާއްމު ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ގާނޫނުގައިވާ ހަމަތަކުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހިމަނާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފު ސުވާލެއް ކަމުގައި ކަނޑައަޅާނެ ގާނޫނީ ސަބަބެއް ނެތް ކަމުގައި ކަނޑައަޅައި، ހަތަރެއް އޭޕްރީލު 2026 ގައި ބާއްވަން ނިންމާފައިވާ އާއްމު ހިޔާލު ހޯދުމުގެ ވޯޓު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމުގައި ކަނޑައަޅަން،" އުއްތަމަފަނޑިޔާރު
ސުޕްރީމް ކޯޓުގެ ޙުކުމްގައި ފާހަގަ ކުރި މުހިންމު ނުކުތާތައް:
- ޢާއްމު ޚިޔާލު ހޯދުމުގެ ވޯޓެއްގައި ސުވާލު އޮންނަންވީ ވަކި ގޮތެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަން
- ރެފަރެންޑަމް ޤާނޫނުގެ ދަށުން ސުވާލުގެ އިބާރާތް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރީ ބާރެއް
- ދަޢުވާކުރި ފަރާތަށް ސުވާލު ގޯސްވާ ސަބަބު ބަޔާންކޮށްދެވިފައި ނުވާކަން
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ހޮނިހިރު ދުވަހަށް ތާވަލް ކޮށްފައިވާ ރައްޔިތުންގެ ޢާއްމު ޚިޔާލު ހޯދުމުގެ ވޯޓު ހުއްޓުވާނެ ޤާނޫނީ އަސާސެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައި ޙުކުމް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ޙުކުމް ކުރީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ގާތުން އަހާ ސުވާލަކީ ޤާނޫނާ ޚިލާފު ސުވާލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީގެ ދެ ޤާނޫނީ ވަކީލުން ކަމަށްވާ އިބްރާހީމް ޝިޔާމް އަދި އައިކު އަޙުމަދު އީސާ ހުށަހެޅި މައްސަލައިގައެވެ.
މި މައްސަލަ ބައްލަވާފައިވަނީ މި މައްސަލަ ބެލީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ނެވެ. އެއީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
މި މައްސަލައިގެ ޙުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ޚިލާފުވާނެ އެއްވެސް ޤާނޫނީ އަސާސެއް މި ވޯޓުގައި ނެތް ކަމަށެވެ. އަދި ޤާނޫނުއަސާސީގެ އެ މާއްދާގައި ބަޔާންކުރާ ކަންކަމަށް އިޞްލާޙު ގެންނަ ބިލެއް ތަޞްދީޤު ކުރަންވާނީ ރައްޔިތުންގެ ރުހުން އޮތްކަން ކަށަވަރު ކުރުމަށްފަހު ކަމަށްވާއިރު، މުޅި ބިލު ތަޞްދީޤު ކުރުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ބެލެވޭނެ ޤާނޫނީ ސަބަބެއް ނެތް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އުއްތަމަ ފަނޑިޔާރުގެ މި ރައުޔަށް ބެންޗުގައި ހިމެނިވަޑައިގެންނެވި އެހެން ހުރިހާ ފަނޑިޔާރުން ވަނީ ތާއީދުކުރައްވާފައެވެ.
ދައުލަތުގެ ފަރާތުން މި މައްސަލައިގައި ބުނެފައިވަނީ، ޢާއްމު ޚިޔާލު ހޯދުމުގެ ވޯޓެއްގައި ސުވާލު އޮންނަންވީ ވަކި ގޮތެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ރެފަރެންޑަމް ޤާނޫނުގެ ދަށުން ސުވާލުގެ އިބާރާތް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރީ ބާރެއް ކަމަށާއި، ދަޢުވާކުރި ފަރާތަށް ސުވާލު ގޯސްވާ ސަބަބު ބަޔާންކޮށްދެވިފައި ނުވާކަންވެސް ދައުލަތުން ފާހަގަކުރިއެވެ.
މި ޙުކުމާއެކު، ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދިއުމަށް މިހާރު އެއްވެސް ޤާނޫނީ ހުރަހެއް ނެތެވެ. މިއީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ނިންމުމެއްގެ ގޮތުގައި ބެލެވެއެވެ.


