ސައުދީ އަރަބިއްޔާގައި ރޭވުންތެރިކަމާއެކު ސަލާންޖެހުމަށް މީހުން ފޮނުވާ ޕާކިސްތާން ނެޓްވޯކެއް ބޭޒާރު ވެއްޖެއެވެ. ޕާކިސްތާނުގެ ފެޑަރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން މި މީހުން ހޯދައި ގަތީ ސައުދީ އަރަބިއްޔާ އިން އެނބުރި ކަރާޗީއަށް އައި ފައިސަލްއާބާދަށް ނިސްބަތްވާ ދެ މީހަކު ހިފަހައްޓައި ކުރި ތަހުގީގަށް ފަހުއެވެ.
އަންހެނަކާއި ފިރިހެނަކު އިމިގްރޭޝަނުން ހުއްޓުވީ އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެންނެވެ. އިބްތިދާއީ ތަހުގީގުން އެނގިފައިވާ ގޮތުގައި މި ދެ މީހުން ސައުދީއަށް ގޮސްފައިވަނީ އުމްރާ ވިސާގައެވެ. އެމީހުން ދަތުރުކުރީ ޖޭލަމްގެ އެޖެންޓެއް މެދުވެރިކޮށެވެ. އަދި މި އެޖެންޓަކީ ސަލާން ޖެހުމަށް މީހުން ފޮނުވާ ނެޓްވޯކެއް ހިންގާ މީހެކެވެ. މިމީހުން ވަނީ ސައުދީގެ އެކި ސަރަހައްދުތަކުގައި ސަލާންޖަހައިގެން ބޮޑެތި އަދަދުތަކުން ފައިސާ އެއްކުރި ކަމަށް އިއުތިރާފުވެފައެވެ.
މިގޮތަށް އެއްކުރި ފައިސާ ކެނެޑާގައި ހުންނަ އެޖެންޓަކަށް ފޮނުވާކަންވެސް ތަހުގީގަށް ވަނީ އެނގިފައެވެ. އަދި މި ވިއުގައިން ސައޫދީ ފިޔަވައި އެހެން ގައުމުތަކަށްވެސް ސަލާން ޖެހުމަށް މީހުން ފޮނުވާކަން ވަނީ އެނގިފައެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ މޯބައިލް ފޯނުތަކުން ފައިސާ ފޮނުވި ރަސީދުތަކާއި ވޮއިސް ނޯޓްތައް ވަނީ ފެނިފައެވެ. އަދި ފައިސާ ދައުރުކުރުމަށް ބޭނުންކުރާ ބޭންކް އެކައުންޓުގެ މައުލޫމާތުވެސް ވަނީ ހޯދިފައެވެ.
މި ދެ މީހުން މިހާރު ވަނީ އިތުރު ތަހުގީގަށް ކަރާޗީގެ އެންޓި ހިއުމަން ޓްރެފިކިން ސެންޓަރާ (އޭއެޗްޓީސީ) ހަވާލުކުރެވިފައެވެ. މިއީ އުމްރާގެ ނަމުގައި ސައުދީއަށް ގޮސް ސަލާންޖަހާ މައްސަލަ ހުއްޓުވުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަޅާއެރި ބޮޑު ނެޓްވޯކެކެވެ.






