ޔޫއޭއީން ނަގާފައިވާ 2 ބިލިއަން ޑޮލަރުގެ ލޯނު ދައްކަން ޕާކިސްތާނަށް އަންގައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޕާކިސްތާނަށް ދޫކޮށްފައިވާ 2 ބިލިއަން ޑޮލަރުގެ ލޯނު، މި މަސް ނިމުމުގެ ކުރިން އަނބުރާ ދެއްކުމަށް އެންގުމުން ޕާކިސްތާނުން ވަގުތުން އެ ލޯން ދައްކައި ޚަލާސް ކޮށްފިއެވެ. މި ފައިސާއަކީ ޕާކިސްތާނުގެ މަރުކަޒީ ބޭންކު، ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) ގައި ސޭފް ޑިޕޮސިޓެއްގެ ގޮތުގައި ބަހައްޓާފައިވާ ފައިސާއެކެވެ.

މި ލޯނަކީ މީގެ ކުރިން ކޮންމެ އަހަރަކު އައު ކުރަމުން އައި ލޯނެކެވެ. ނަމަވެސް، މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ދެ ގައުމުގެ ގުޅުމުގެ ކުނި ޖެހުމާ ގުޅިގެން ޔޫއޭއީން ވަނީ މި ފައިސާ ވަގުތުން އަނބުރާ ދެއްކުމަށް އަންގާފައެވެ. ޚަބަރުތައް ބުނާ ގޮތުގައި ޕާކިސްތާނުން މި ފައިސާއަށް އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓެއް ދައްކަމުން ގެންދިޔައެވެ.

މިދިޔަ ފެބްރުއަރީ މަހު ޔޫއޭއީން ވަނީ މި ލޯނު ދެއްކުމަށް ދެ މަސްދުވަހުގެ ކުރު މުއްދަތެއް ދީފައެވެ. ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިސްހާގް ދާރު ޔޫއޭއީގެ އިސްވެރިންނާ ކުރެއްވި މަޝްވަރާތަކަށްފަހު، މި ލޯނު ދެއްކުމުގެ މުއްދަތު 17 އޭޕްރީލް 2026 އާ ހަމައަށް އިތުރުކޮށްދިނުމަށް އެއްބަސްވިއެވެ.

ޕާކިސްތާނުން ކުރިން އެދިފައިވަނީ މި ޑިޕޮސިޓް އިތުރު ދެ އަހަރު ދުވަހަށް އައުކޮށްދިނުމަށެވެ. ނަމަވެސް ޔޫއޭއީން ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެކި ފަހަރުމަތިން އެއް މަސް ނުވަތަ ދެ މަސްދުވަހުގެ ކުރު މުއްދަތުތަކަށް ލޯނު އައުކޮށްދެމުން ގޮސްފައެވެ. ސައޫދީއާއި އިސްލާމްއާބާދު ގާތް ވުމަކީ އަބޫދާބީ ރުހޭ ކަމަކަށް ނުވިއެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ޕާކިސްތާނުގައި ތިން ފަހަރެއްގެ މަތިން ޖުމްލަ 3 ބިލިއަން ޑޮލަރު ޑިޕޮސިޓްކޮށްފައިވެއެވެ.

މި ހިނގާ މާލީ އަހަރުގެ ތެރޭގައި ޕާކިސްތާނުން ދަނީ ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ 12 ބިލިއަން ޑޮލަރުގެ ޑިޕޮސިޓްތައް އައުކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ނަގާފައިވާ 5 ބިލިއަން ޑޮލަރާއި، ޗައިނާއިން ނަގާފައިވާ 4 ބިލިއަން ޑޮލަރުގެ އިތުރުން ޔޫއޭއީގެ 3 ބިލިއަން ޑޮލަރު ހިމެނެއެވެ.

ހިއްސާ ކުރައްވާ!