ގައުމީ ސަލާމަށް ކޮއްޅަށ ނު ތެދުވެގެން ފިޔަވަޅު އެޅި ފަލަސްޠީނު ދަރިވަރު މައްސަލަ ކޯޓުން ބޭރުގައި ކާމިޔާބު ކޮށްފިއެވެ.
ފަލަސްތީނު ދަރިކޮޅުގެ އެމެރިކާ ދަރިވަރެއް ކަމަށްވާ ދާނިއާލް ޚަލަފް، މިޝިގަން ސްޓޭޓްގެ ޑިޓްރޮއިޓް ސަރަހައްދުގެ ތައުލީމީ އިދާރާއާ ދެކޮޅަށް ކުރި ގާނޫނީ ހަނގުރާމައިން މުހިންމު ކާމިޔާބީއެއް ހޯދައިފިއެވެ.
އޭނާއާ މެދު މި ފިޔަވަޅު އެޅި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އެމެރިކާގެ ގައުމީ ސަލާމަށް ކޮޅަށް ތެދުވަން ދެކޮޅު ހެދުމުން، އޭނާއަށް ސްކޫލުން އަދަބުދީ އާންމުންގެ ބަހުގެ ހަމަލާތައް އަމާޒުވުމާ ގުޅިގެންނެވެ.
މި ގާނޫނީ ކުރިމަތިލުމަކީ "ނަފްސާނީ ގޮތުން ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހުނު ތަޖުރިބާއެއް" ކަމަށް ދާނިއާލް ސިފަކުރިއެވެ. އަދި މި މައްސަލަ ކުރިއަށް ގެންދަން އޭނާ ނިންމީ، "ދަރިވަރުންގެ ސިޔާސީ ފިކުރުތަކުގެ ސަބަބުން، މުދައްރިސުން އެމީހުންގެ ބާރުގެ ބޭނުންކޮށްގެން ދަރިވަރުން ބިރުގަންނަވައި އަދަބު ދިނުމާ" ދެކޮޅު ހެދުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.
ދަރިވަރު ބުނި ގޮތުގައި، ކޯޓުން ބޭރުގައި ވެވުނު އެއްބަސްވުމުގެ ދަށުން އޭނާއަށް ބަދަލުގެ ގޮތުގައި 10،000 ޑޮލަރު ދިނުމަށާއި، އޭނާގެ އެކަޑެމިކް ރެކޯޑުން އެ މައްސަލައާ ގުޅޭ ކުށުގެ ރެކޯޑު އުނިކުރުމަށް ވަނީ ނިންމާފައެވެ.
އޭނާ ދެކޭގޮތުގައި މި ނަތީޖާއަކީ ހަމައެކަނި "އަމިއްލަ ކާމިޔާބީއެއް" ނޫނެވެ. އޭގެ ބަދަލުގައި މިއީ "އެމެރިކާގެ ތައުލީމީ މުއައްސަސާތަކުގެ ތެރޭގައި ދުސްތޫރީ ހައްގުތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ދެވުނު ވަރުގަދަ މެސެޖެކެވެ."
2024 ވަނަ އަހަރުގެ އޭޕްރީލް މަހު، ޣައްޒާގެ ފަލަސްތީނު ރައްޔިތުންނާ އެއްބައިތަކަން ފާޅުކުރުމުގެ ގޮތުން އެމެރިކާގެ ޔުނިވާސިޓީތަކުގައި ބޮޑެތި އިހުތިޖާޖުތަކެއް ފެށުނެވެ.
ކޮލަމްބިއާ ޔުނިވާސިޓީން ފެށުނު މި ހަރަކާތްތައް 50 އަށްވުރެ ގިނަ ޔުނިވާސިޓީއަށް ފެތުރިގެންދިޔައިރު، ފުލުހުން ވަނީ 3،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ ދަރިވަރުންނާއި ޔުނިވާސިޓީތަކުގެ މުދައްރިސުންނެވެ.




