އިންޑިއާއިން އެމެރިކާ ޑޮލަރު ދޫކޮށްލަނީ: އެމެރިކާގެ ބޮންޑުތައް ވިއްކާލައި ރަނަށް އިންވެސްޓްކުރަން ފަށައިފި

ވޭތުވެދިޔަ އެތައް އަހަރެއް ވަންދެން ދުނިޔޭގެ މާލީ ބާޒާރުގެ އެންމެ ވަރުގަދަ ތަނބުގެ ގޮތުގައި ބެލެވުނު އެމެރިކާގެ ޓްރެޜަރީ ބޮންޑުތަކަށް އޮތް އިތުބާރު އިންޑިއާއިން ކުޑަކުރަން ފަށައިފިއެވެ. ރިޒާވް ބޭންކް އޮފް އިންޑިއާ (އާރު.ބީ.އައި) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންޑިއާއިން ވަނީ ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެމެރިކާގެ ބޮންޑުތަކުން 50 ބިލިއަން ޑޮލަރަށްވުރެ ބޮޑު މިންވަރެއް މަދުކޮށްފައެވެ.

މިއީ ގާތްގަނޑަކަށް 21 އިންސައްތައިގެ ދަށްވުމެކެވެ. މިއީ ފާއިތުވި 4 އަހަރުގެ ތެރޭގައި އިންޑިއާގެ ރިޒާވްގައި ހުރި އެމެރިކާގެ ބޮންޑުތަކުގެ މިންވަރު މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ. މި ބަދަލާއެކު، އިންޑިއާގެ ރަނުގެ ރިޒާވް ވަނީ 880 ޓަނަށް އިތުރުވެފައެވެ. މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އިންޑިއާގެ މުޅި ރިޒާވްގެ ނިސްބަތުން ރަން ހިމެނޭ މިންވަރު 16 އިންސައްތައަށް މަތިވި ފުރަތަމަ ފަހަރެވެ.

އިންޑިއާއަށް ކަނޑައަޅާފައިޥާ އެމެރިކާ ސަފީރު ވަނީ މިކަމާ ނުތަނަވަސް ވެގެން ރިޒާވް ބެންކު އޮފް އިންޑިއާގެ ގަވަރުނަރާވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގެ މަޗްވަރާގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

މާލީ މާހިރުން ފާހަގަކުރާ ގޮތުގައި އިންޑިއާގެ މި ނިންމުމަކީ އެމެރިކާގެ ދަރަނި އިންތިހާއަށް އިތުރުވުމާއި، އިންޓްރެސްޓް ރޭޓަށް އަންނަ ލޮޅުންތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް އެޅި ފިޔަވަޅެކެވެ. އަދި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާގެ އެސެޓްތައް ހިފެހެއްޓުމާ ގުޅިގެން، ހަމައެކަނި ހުޅަނގުގެ މާލީ ނިޒާމަށް ބަރޯސާވުމުގެ ނުރައްކާ ދުނިޔޭގެ އެހެން ގައުމުތަކުން އިހުސާސް ކުރިފަދައިން އިންޑިއާއަށް ވަނީ އެކަން ވިސްނިފައެވެ.

މިކަމާ ގުޅޭގޮތުން އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ސްމިތާ ޕްރަކާޝް ވިދާޅުވީ، "މިއީ އެމެރިކާއާ ދެކޮޅަށް ކުރާ ކަމެއް ނޫން، މިއީ އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ކުރާ ކަމެއް" ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އިންޑިއާއިން މަސައްކަތް ކުރަނީ އެގައުމުގެ އިގްތިސާދީ ރައްކާތެރިކަން ކަށަވަރު ކުރާށެވެ.

ބްރިކްސް ފަދަ ޖަމާއަތްތަކުން ވެސް މިހާރު ދަނީ ޑޮލަރުގެ ބަދަލުގައި އަމިއްލަ ގައުމުތަކުގެ ފައިސާއިން ދޭދޭ ގައުމުތަކާ މުއާމަލާތް ކުރުމަށް ބާރުއަޅަމުންނެވެ. އާރު.ބީ.އައި އިން ވެސް ވަނީ ޑިޖިޓަލް ފައިސާ ބޭނުންކޮށްގެން ސީދާ ވިޔަފާރި ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ހުށަހަޅާފައެވެ. މިއީ ހުޅަނގުގެ މާލީ ނިޒާމުތައް ގައުމުތަކާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފާނެ ހާލަތަކަށް އިންޑިއާއިން ވަމުންދާ ތައްޔާރީއެކެވެ.

މި ބަދަލަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާރިޖީ ސިޔާސަތުގެ ދަށުން، އެހެން ގައުމެއްގެ ސިޔާސީ ނުވަތަ އިގްތިސާދީ ނިންމުންތަކަށް އިންޑިއާގެ މުސްތަގުބަލު ދޫކޮށްނުލާނެކަމުގެ ވަރުގަދަ މެސެޖެކެވެ. މިއާއެކު، ދުނިޔޭގެ ބާޒާރުގައި ޑޮލަރަށް އޮތް ނުފޫޒު ކުޑަވެ، އާ މާލީ ނިޒާމަކަށް ދުނިޔެ މިސްރާބު ޖަހާފައިވާކަން މިވަނީ ހާމަވެފައެވެ.

ހިއްސާ ކުރައްވާ!