ސޮލީބީ ސަހުޔޫނީ ހަނގުރާމައާއި، އަދި މިދިޔަ ނޮވެމްބަރު މަހު ކުރިމަތިވި ނުރައްކާތެރި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކާ އެކު، މީގެ ހަތަރު އަހަރު ކުރިން ކުރިމަތިވި ފަދަ އިގްތިސާދީ ބޮޑު އިނދަޖެހުމަކުން ސަލާމަތްވުމަށް ސްރީލަންކާއިން ބުރަ މަސައްކަތްތަކެއް ކުރަން ފަށައިފިއެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ ވަނީ ތެޔޮ ކޮންޓްރޯލްކޮށް، ތެލުގެ އަގު ތިންބައިކުޅަ އެއްބަޔަށް ބޮޑުކުރައްވާފައެވެ.
މީގެ އިތުރުން ކަރަންޓުގެ އަގުވެސް ވަނީ 40 އިންސައްތައާ ހަމައަށް ބޮޑުކޮށްފައެވެ.
މި ފިޔަވަޅުތަކާއެކު އާންމުން ކަންބޮޑުވެ، ތެޔޮ ގަތުމަށް ކިއޫ ހަދަން ފެށުމުން، 2022 ވަނަ އަހަރު ލަންކާގެ އިގްތިސާދު ފުނޑުފުނޑުވެ، އިންފްލޭޝަން 70 އިންސައްތައަށް އެރި ދުވަސްވަރުގެ ހަނދާންތައް ވަނީ އާވެފައެވެ.
ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް އުޅުނު ފްރަންޓްލައިން ސޯޝަލިސްޓް ޕާޓީ (އެފް.އެސް.ޕީ) އިން ވަނީ މިހާރުގެ ސަރުކާރަށްވެސް ނުރައްކާ އޮތް ކަމުގެ އިންޒާރު ދީފައެވެ.
އެ ޕާޓީގެ ޕޮލިޓްބިއުރޯ މެންބަރު ދުމިންދަ ނަގަމުވާ އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، "މި އިގްތިސާދީ ކާރިސާއަށް ސިޔާސީ ގޮތުން ރައްދު އަންނާނެ ކަމަށް ގަބޫލުކުރެވޭ" ކަމަށެވެ.
ނަމަވެސް ސަރުކާރަށް އޮތް ބޮޑު ތާއީދުގެ ސަބަބުން، އަދިވެސް ރައްޔިތުން މި ތަކުލީފުތައް ބަރުދާސްތު ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ދިސާނަޔަކަގެ ޖޭވީޕީން ވަނީ ނޮވެމްބަރު 2024 ގައި ބޭއްވި ޕާލަމެންޓް އިންތިޚާބުގައި ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތެއް ހޯދާފައެވެ.
މިވަގުތު އައިއެމްއެފްގެ ވަފުދެއް ލަންކާގައި ހަރަކާތްތެރިވަމުންދެއެވޗެ. އެވަފްދު ހަރަކާތްތެރި ވަނީ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖްގެ ދަށުން ދޫކުރާ 700 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓް ދޫކުރުމުގެ ކުރިން ކުރަންޖެހޭ ރިވިއުތައް ހެދުމަށެވެ.
ލަންކާ ސަރުކާރުން ބުނެފައިވަނީ، ބޭރުގެ އެކި ސަބަބުތަކާ ހުރެ ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވަމުންދާތީ، އައިއެމްއެފްގެ ލޯނާ ގުޅިފައިވާ ހަރުކަށި ޝަރުތުތަކަށް ބަދަލު ގެނައުމަށް އެދި ހުށަހަޅާނެ ކަމަށެވެ. މިއީ ގައުމުގެ މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.




