މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުން އަރައިގަތުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ބާޒާރުތަކާއި ފިހާރަތައް އަވަހަށް ބަންދުކުރުމަށް ޕާކިސްތާނު ސަރުކާރުން މަޝްވަރާކުރަން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ އެ ޤައުމުގެ ޕެޓްރޯލިއަމް މިނިސްޓަރު އަލީ ޕަރުވޭޒް މާލިކްއެވެ.
މާލިކް ވިދާޅުވީ، ހަތަރު ޕްރޮވިންސެއްގެ ޗީފް މިނިސްޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި މި ހުށަހެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
މި ހުށަހެޅުން ތަންފީޒުވެއްޖެނަމަ، އާންމުކޮށް ބާޒާރުގެ ފިހާރަތައް ބަންދުކުރާ ގަޑިއަށްވުރެ އަވަހަށް ފިހާރަތައް ބަންދުކުރަން ޖެހޭނެއެވެ. އަދި ކައިވެނި ހަފްލާތައް ބާއްވާ މާލަންތަކާއި ރެސްޓޯރެންޓްތަށް ރޭގަނޑު 10:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޭނެއެވެ.
ދުނިޔޭގެ ހަކަތައާއި ތެލުގެ ބާޒާރަށް ލޮޅުން އަރާފައިވަނީ އެމެރިކާއާއި އިސްރާއީލުން ދެމުންދާ ސޮލީބީ ސަހުޔޫނީ ޓެރަރިސްޓް ހަމަލާތަކާ ހެދިއެވެ.
މި ޓެރަރިޒަމާ ހެދި އީރާނުން ވަނީ ހުރުމުޒު ބަންދުކޮށް، ގަލްފު ސަރަހައްދުގެ ތެޔޮ ސާފުކުރާ ތަންތަނަށް ހަމަލާދީފައެވެ.
މި ހާލަތާ ގުޅިގެން ޕާކިސްތާނުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ. މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 378.41 ރުޕީސްގައެވެ.
އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މިނިސްޓަރު މާލިކް ވިދާޅުވީ، ފިނޭންސް މިނިސްޓަރު މުޙައްމަދު އައުރަންގްޒޭބް އަންނަ ހަފްތާގައި އައި.އެމް.އެފް އަދި ވޯލްޑް ބޭންކާ ބައްދަލުކުރެއްވުމަށް ބޭރަށް ވަޑައިގަންނަވާނެ ކަމަށެވެ. މި ބައްދަލުވުންތަކުގައި ޕާކިސްތާނަށް ކުރިމަތިވެފައިވާ މާލީ ފިއްތުންތަކާއި، އިޤްތިޞާދީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.
މީގެ އިތުރުން، ޔޫ.އޭ.އީ އިން ޕާކިސްތާނަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ޤައުމުން 3.5 ބިލިއަން ޑޮލަރު ޕާކިސްތާނުގައި ޑިޕޮސިޓްކޮށްފައިވާ ކަމަށެވެ. އަދި ޤައުމީ ފެންވަރުގައި 'ސްމާޓް ލޮކްޑައުން' އެއް އިޢުލާނުކުރުމަށް ވިސްނި ކަމަށާއި ނަމަވެސް ރައީސް އާސިފް އަލީ ޒަރުދާރީގެ ރިޔާސަތުގައި ބޭއްވި ބައްދަލުވުމުގައި ޕްރޮވިންސްތަކުން އެކަމަށް އިއުތިރާޒުކޮށްފައިވާކަމަށެވެ.
އަދި ޕާކިސްތާމަށް ޤަޠަރުން ގޭސް ސަޕްލައި ކުރުމަށް ދިމާވެފަައިވާ ހުރަސްތަކާއެކު، ޕާކިސްތާނުގެ އަމިއްލަ ގޭސް ފީލްޑްތަކުން ދުވާލަކު 400 އާއި 500 އާ ދެމެދުގެ ގޭސް ސަޕްލައިއަށް ފޯރުކޮށްދެމުން ދެއެވެ.





