ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަޙްމަދު މުޙައްމަދު (ޓޫފޯ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ. މި މަގާމަށް އޭނާ އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަނުކުރެއްވި އަޙްމަދު މުޙައްމަދަކީ 1995 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފުލުހުންގެ މުއައްސަސާގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. ނަވީން ރިޓަޔަރ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލެއްވީ އަހުމަދު މުހައްމަދުގެ އިތުރުން، ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް އެވެ.
އަޙްމަދު މުޙައްމަދަކީ ތައުލީމީ ގޮތުންވެސް މަތީ ފާސްތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީއާ އަދި ބެޗްލަރ އޮފް ޝަރީއާ (އޮނަރސް) ހާސިލްކުރައްވާފައެވެ. މީގެ އިތުރުން އިންޑިއާގެ ސަރްދާރު ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން އައި.ޕީ.އެސް ޕްރޮބޭޝަނަރސް ބޭސިކް ޓްރޭނިންގ ކޯހުގެ އިތުރުން، ސީނިއަރ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް އަޙްމަދު މުޙައްމަދު ވަނީ ފުރިހަމަކުރައްވާފަ އެވެ.


