ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު މިއަދު ބޮޑުކުރުމަށްފަހު، އެ ނިންމުން އަނބުރާ ގެންގޮސް އަލުން ކުރީގެ އަގަށް ބަދަލުކޮށްފިއެވެ. މިފްކޯއިން މި ނިންމުން ބަދަލުކުރީ ރައްޔިތުންގެ ޝަކުވާތަކާއި ދިރިއުޅުމުގެ ޚަރަދުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން މިއަދު ކުރިން ބުނެފައިވަނީ، ތެޔޮ މަސްދަޅުތަކުގެ އަގު ބޮޑުކުރަން ޖެހުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ބޮޑުވުމުން ކަމަށެވެ. ނަމަވެސް، މިރޭ އެ ކުންފުނިން ވަނީ އެ ނިންމުން ބަދަލުކޮށް، ކުރިން އޮތް އަގަށް މަސްދަޅު ވިއްކަން ފަށާފައިވާކަން ހާމަކޮށްފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ތެޔޮ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއި ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް، ކުރިން އޮތް ގޮތަށް އަގު ދެމެހެއްޓުމަށް މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން، މިރެއިން ފެށިގެން މިފްކޯގެ މަސް ފިހާރަތަކުން ތެޔޮ މަސްދަޅެއް 17.50 ރުފިޔާ އަށް އަދި ތެޔޮ މަސްދަޅު ކޭހެއް 760 ރުފިޔާ އަށް ލިބޭނެއެވެ.
މިފްކޯއިން އިތުރަށް ބުނީ، އެ ކުންފުނިން އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީ އެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. މިއީ އާންމު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.



