ޔަހޫދީންގެ ސަހުޔޫނީ ޓެރަރިޒަމްގެ ޚަރަދު 15 ބިލިއަން ޑޮލަރަށް އަރައިފި

އިޒްރޭލުން އީރާނާއި ލުބުނާނާ ދެކޮޅަށް ކުރަމުންދާ ސަހުޔޫނީ ޓެރަރިޒަމަށް މިހާތަނަށް ގާތްގަނޑަކަށް 15 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެފައިވާ ކަމަށް އިޒްރޭލުގެ މީޑިއާއިން ހާމަކޮށްފިއެވެ. ހަނގުރާމައިގެ 38 ވަނަ ދުވަހަށް ދިޔައިރު، އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުގެ މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ޑިފެންސް މިިނިސްޓްރީން ވަނީ އަސްކަރީ ޚަރަދުތައް ފޫބެއްދުމަށް 12.4 ބިލިއަން ޑޮލަރުގެ ބަޖެޓަކަށް އެދިފައެވެ. އަދި ހަނގުރާމަ ދިގުލައިގެންދާނަމަ، 2026 ވަނަ އަހަރާ ހަމައަށް މި އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް 26،000 އަށްވުރެ ގިނަ ހުށަހެޅުން މިހާތަނަށް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ގެއްލުންތަކުގެ އަގު 320 މިލިއަން އާއި 450 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ބަޖެޓަށް އެންމެ ބޮޑު ބުރައެއް އުފުލަން ޖެހިފައިވަނީ ވިޔަފާރިތަކަށާއި މުވައްޒަފުންނަށް ބަދަލު ދިނުމުގެ ޕްލޭނަށެވެ. މިކަމަށް ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

އިޒްރޭލުގެ އެހެން ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދަނޑުވެރިކަމުގެ ދާއިރާއަށް ވަނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ނުކުރެވުމުގެ ސަބަބުން އެތައް މިލިއަން ޝެކަލްއެއްގެ ގެއްލުން ވަމުންދާ ކަމަށް އެ ނޫހުން ބުނެއެވެ.

ޚާއްސަކޮށް ހިޒުބުﷲ އިން އުތުރު ސަރަހައްދުގައިު ބާރުގަދަ ކުރުމުން އިޒްރޭލުގެ އުތުރު ސަރަހައްދުގައި ހުރި ކާނާ ބަންދުކުރާ ފެކްޓްރީތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ ސަބަބުން، ތަރުކާރީ އުފައްދާ ދަނޑުވެރިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ސަބަބުން ދަނޑުވެރިން ދަނީ ފިނޭންސް މިނިސްޓްރީގެ އަވަސް އެހީތެރިކަމަކަށް އެދެމުންނެވެ.

ހިއްސާ ކުރައްވާ!