ސޮލީބީ ސަހުޔޫނީ ހަމަލަތައް ހުއްޓާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުމަށް އެއްބަސްވެ ހަމަލަތައް ހުއްޓާލުމަށް ކުރާ ޑިޕްލޮމެޓިކް މަސައްކަތްތަކާ ގުޅޭގޮތުން ސަރަހައްދީ ބައިވެރިންނާ މަޝްވަރާ ކުރެއްވުމަށް އިނގިރޭސި ބޮޑުވަޒީރު ސަރ ކޭއަރ ސްޓާމަރ މިއަދު ބުދަ ދުވަހު ގަލްފް ސަރަހައްދަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ރޭގެ ވަގުތެއްގައި އެއްބަސްވުމަކަށް އާދެވުމުން ބޮޑުވަޒީރު ވަނީ މަރުހަބާ ވިދާޅުވެފައެވެ. ސްޓާމަރ ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ "މުޅި ސަރަހައްދަށާއި ދުނިޔެއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ކަމަށެވެ.
ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުން އިއުލާނު ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އަންގާރަ ދުވަހުގެ ރޭގެ ނިޔަލަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނުގައި ޖެނޮސައިޑެއް ހިންގާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ރޭ މެންދަމުން އަލިވި ފަހުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ދެ ހަފްތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލާ ކަން ހާމަކުރައްވާފައެވެ.
ބޮޑުވަޒީރު ސްޓާމަރގެ މި ދަތުރުފުޅަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއުލާނު ކުރުމުގެ ކުރިންވެސް ރޭވިފައިވާ ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެއެވެ.
ދަތުރުފުޅުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ސްޓާމަރ ވިދާޅުވީ، "އަޅުގަނޑުމެންގެ ބައިވެރިންނާއެކު މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތާއީދުކޮށް، މިއީ ދާއިމީ އެއްބަސްވުމަކަށް ހެދުމަށާއި، ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ" ކަމަށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުން ސިފަކުރައްވާފައިވަނީ "ދުނިޔޭގެ ސުލްހައަށް ލިބުނު ބޮޑު ކާމިޔާބީއެއް" ގެ ގޮތުގައެވެ.


