ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ގެނެސް، ގޭސް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އިން ހާމަކޮށްފިއެވެ. އެސްޓީއޯއިން ބުނި ގޮތުގައި މި ޝިޕްމަންޓު ރާއްޖެއަށް ލިބިފައިވަނީ އަންގާރަ ދުވަހުއެވެ.
ރައްޔިތުންނަށް ބޭނުންވާ އެއްވެސް އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށާއި، މިކަމަށް ޚާއްޞަ އިސްކަމެއް ދީގެން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ގޭސްއިން ބައެއް ފަހަރު ލިމިޓް ކޮށްގެން ގޭސް ވިއްކި ނަމަވެސް، ސްޓޮކް އިޔާދަވުމާއެކު މިހާރު އާންމު ހާލަތުގައި ގޭސް ވިއްކަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ކައްކާ ގޭހުގެ އަގު އުފުލުނަ ނުދިނުމަށްޓަކައި ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. ވަޒީރު މިހެން ވިދާޅުވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެދާނެ ގޭހުގެ ދަތިކަމަކުން އަރައިގަތުމަށްޓަކައި މާލޭ ސަރަހައްދުގައި އިތުރު 1,500 ޓަނުގެ ގޭސް ރައްކާކުރެވޭނެ ސްޓޮރޭޖު ފެސިލީޓީއެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ. މިއީ ކުރިމަގުގައި ގޭހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.
ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރައްޔިތުންނަށް ކުރިޔަ ނުދީ، އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމެވެ. މިގޮތުން ތެލާއި ގޭހުގެ ރިޒާވް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.



