އަވަސް އަރުވާލައިގެން ޕާކިސްތާން ބޮޑުވަޒީރު ކުރެއްވި ޕޯސްޓަކާއެކު ބޮޑު ފާޑުކިޔުމެއް

އީރާނާއި އެމެރިކާ އަދި އެ ގައުމުތަކުގެ ބައިވެރިންގެ މެދުގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގެ ސަބަބުން ބޮޑު ބަހުސެއް އުފެދިއްޖެއެވެ. މި ޕޯސްޓް އާންމުކުރެއްވިއިރު، އެއީ އިސްލާހު ނުކޮށް އޮތް "ޑްރާފްޓް" އެއްކަން ވަރަށް ސާފުކޮށް އެނގެން އޮތުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ.

https://x.com/mareb_alward/status/2041656288577274112

ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެކްސްގައި ކުރެއްވި ފުރަތަމަ ޕޯސްޓް ފައްޓަވާފައިވަނީ "ޑްރާފްޓް – ޕާކިސްތާނުގެ ބޮޑުވަޒީރު އެކްސްއަށް ފޮނުއްވާ މެސެޖު" މި އިބާރާތުންނެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ އީރާނާއި އެމެރިކާ އަދި އެ ގައުމުތަކުގެ ބައިވެރިން، ލުބުނާނާއި އެހެނިހެން ސަރަހައްދުތައް ހިމެނޭހެން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ނިންމުމަށް މަރުހަބާ ވިދާޅުވަމުން، އިތުރު މަޝްވަރާތަކަށް އެ ގައުމުތަކުގެ ވަފުދުތަކަށް 10 އެޕްރީލް 2026 ވާ ހުކުރު ދުވަހު އިސްލާމްއާބާދަށް ވަޑައިގަތުމަށް ބޮޑުވަޒީރު ވަނީ ދައުވަތު އަރުވާފައެވެ. އަދި ދެ ފަރާތުން ދެއްކެވި ހިކުމަތްތެރިކަމަށް ތައުރީފު ކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އުފާވެރި ހަބަރުތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޕޯސްޓް ކުރިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި، "ޑްރާފްޓް" ޖަހާފައިވާ ބައި އުނިކޮށް ޕޯސްޓް ވަނީ އިސްލާހުކޮށްފައެވެ. ނަމަވެސް މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ބުނާ ގޮތުގައި ބޮޑުވަޒީރު މާ ބޮޑަށް އަވަސް އަރުވާލެއްވީތީ ޑްރާފްޓްގެ ސުރުހީ އުނިކުރަން ހަނދާން ނެތުނީއެވެ. އަދި މިއީ ކުރިން އެމެރިކާގެ ޖާސޫސީ އިދާރާއިން ތައްޔާރުކޮށްފައި އޮތް ނަމޫނާއެއްކަން މިކަމުން ހާމަވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައުޟޫއުގައި ބައެއް ފަރާތްތަކުން ވަނީ މިއީ އިސްލާމްއާބާދުގެ އަމިއްލަ އިސްނެގުމެއްގެ ބަދަލުގައި، ވޮޝިންޓަނުން ތައްޔާރުކޮށްފައިވާ ޑިޕްލޮމެޓިކް ލިޔުމެއްގެ ކޮޕީއެއްތޯ ސުވާލު އުފައްދާފައެވެ.

ބައެއް މީހުން މި ހާދިސާ ސިފަކޮށްފައިވަނީ "ބޮޑު ލަދުވެތި ކަމެއް" ގެ ގޮތުގައެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ބޮޑުވަޒީރުގެ މި މަސައްކަތަށް ތައުރީފުކޮށް، ލިޔުމުގެ ސިފައަށްވުރެ ހަނގުރާމަ ހުއްޓުވުމަށް ކުރައްވާ މަސައްކަތުގެ މުހިންމުކަން ބޮޑުކަމަށް ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!