އަންނަ ހުކުރު ދުވަހަކީ ޝުކުރުވެރިވުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިފި

ހުކުރު ދުވަހަކީ ޕާކިސްތާންގައި ޝުކުރުވެރިވުމުގެ ގޮތުން ޔައުމޭ ތަޝައްކުރުގެ ގޮތުގައި ފާހަގަ ކުރާ ދުވަސް ކަމަށް ނިންމައިފިއެވެ. މި ނިންމުމާއެކު،  އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ކާމިޔާބުވުމަށް އެދި ޚާއްސަ ދުއާއެއް ކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.

މި ނިންމުން ނިންމާފައިވަނީ އިސްލާމްއާބާދުގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ގައުމުގެ ސިޔާސީ، އިގްތިސާދީ އަދި ދާޚިލީ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މައުސަރަހައްދީ ހަމަނުޖެހުންތައް ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކަށް ކެބިނެޓްގެ މެންބަރުން ވަނީ ތައުރީފު ކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރު އަދާކުރެއްވި ދައުރު ކެބިނެޓުން ބަލައިގަނެ، އެކަން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ކެބިނެޓް މެންބަރުން ވަނީ އަތްޖަހައި، އުފާވެރިކަން ފާޅުކޮށްފައެވެ. އަދި ޕާކިސްތާނަށް ހާސިލްވަމުންދާ ޑިޕްލޮމެޓިކް ކުރިއެރުންތަކަށްޓަކައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ޚުޝާމަދުކޮށްފައެވެ. ބޮޑުވަޒީރުވެސް ވަނީ މަސްރަހު ފިނިކުރުމަށް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރު ކުރެއްވި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ކެބިނެޓުން ވަނީ ފޮނި ކާނާވެސް ބަހާފައެވެ.

 

ހިއްސާ ކުރައްވާ!