ޕާކިސްތާނުގެ ލައްކީ މަރުވަތުގައި، ވަޅަކުން ފެން ނަގަން ދިޔަ ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، އެތަނުގެ އޮޕަރޭޓަރުގެ ދަރިފުޅު ޖިންސީ ގޯނާކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ހާދިސާއާ ގުޅިގެން އެ ކުއްޖާގެ ހާލު ސީރިއަސްވެފައިވާ ކަމަށް ފުލުހުންގެ މަސްދަރުތަކުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގުމާއެކު ކުށްކުރި މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ފިލާފައެވެ. ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް، އަނިޔާ ލިބުނު ކުއްޖާ ވަނީ ލައްކީ މަރުވަތުގެ ސަރުކާރު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ހޮސްޕިޓަލުގައި އެ ކުއްޖާ ބެލި ދެ އަންހެން ޑޮކްޓަރުން ވަނީ އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
ލައްކީ މަރުވަތު ފުލުހުންގެ އިދާރާގައި މި މައްސަލަ ރަޖިސްޓްރީ ކުރުމަށްފަހު، ފިލައިގެން އުޅޭ މީހާ ހޯދުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އަދި ހަމަ މި ފުލުހުންގެ އިދާރާގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ދާދި ފަހުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށްފަހު ވަނީ ރަހުމުކުޑަ ގޮތަކަށް މަރާލާފައެވެ.
މީގެ ކުރިން ހިނގި ހާދިސާގެ އެފްއައިއާރުގައިވާ ގޮތުން، އެ ކުއްޖާ ގެއްލިފައިވަނީ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުއެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ގެއްލުނުތާ ދުވަސްތަކެއް ފަހުން، އެ ރަށާ ދެ ކިލޯމީޓަރު ދުރުގައި އޮންނަ ޖަންގަލި ތެރެއިންނެވެ. އެ ކުއްޖާގެ ބައްޕަ އަލީﷲ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ، އޭނާގެ ދަރިފުޅުގެ ހަށިގަނޑު ފެނުނުއިރު އޮތީ ބުރިބުރިކޮށްފައި ކަމަށެވެ.
އެ ހާދިސާގައި ވެސް ޑޮކްޓަރުން ވަނީ ކުއްޖާ މަރާލުމުގެ ކުރިން ޖިންސީ ގޯނާކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނެފައިވަނީ މި ދެ ހާދިސާއާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތް ކުރިއަށްދާ ކަމަށެވެ.




