ޔަހޫދީން އެއްބަސްވުމާ ޚިލާފްވުމުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފި

ހުރްމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފި އެވެ. މީގެ ސަބަބުން ތެޔޮ އުފުލާ ބޯޓުފަހަރަށް ވަނީ އަނބުރާލަން މަޖުބޫރުވެފަ އެވެ.

ކަނޑުދަތުރުފަތުރުގެ ޑޭޓާ ދައްކާ ގޮތުގައި، ކަނޑުއޮޅިން ބޭރަށް ދަތުރުކުރަމުންދިޔަ "އައުރޯރާ" ނަމަކަށް ކިޔާ ތެޔޮ ބޯޓު، މުސަންދަމް އައްސޭރިފަށާ ކައިރިން ކުއްލިއަކަށް މިސްރާބު ބަދަލުކޮށް، 180 ޑިގްރީއަށް އަނބުރާލުމަށްފަހު އަލުން ޕާޝިއަން ގަލްފަށް ވަނީ ވަދެފަ އެވެ. މިއީ މިއަދު ހުރަސްކުރަން އުޅުނު އެންމެ ފަހު ބޯޓެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ކުރިމަތިލުންތަކަށް މެދުކެނޑުމެއް އައި ނަމަވެސް، ހުރްމުޒް ކަނޑުއޮޅީގެ ހާލަތު އާންމު ހާލަތަކަށް ނާދެ އެވެ.

އޭގެ ބަދަލުގައި، ދުނިޔޭގެ އެންމެ މުހިންމު ހަކަތައިގެ މަގު މަދު ބޯޓުފަހަރަކަށް ހުޅުވާލާފައި އޮތުމަށްފަހު، މިހާރު ވަނީ އެއްކޮށް ބަންދުވެފަ އެވެ. އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުމާ ގުޅިގެން، އީރާނުން ވަނީ ކަނޑުގެ ދަތުރުފަތުރާއި ބައިނަލްއަގުވާމީ ޝިޕިންގް ލައިންތަކުގެ މައްޗަށް އޮތް ބާރުގަދަކޮށްފަ އެވެ.

ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރާ ބޯޓުފަހަރުގެ އަދަދު ވަނީ ތާރީޚީ މިންވަރަކަށް ދަށަށް ގޮސްފަ އެވެ. އެތައް ސަތޭކަ ތެޔޮ ބޯޓަކާއި، އެލްއެންޖީ އުފުލާ ބޯޓުފަހަރާއި، މުދާ އުފުލާ ބޯޓުފަހަރު ޕާޝިއަން ގަލްފުގެ އެކި ސަރަހައްދުތަކުގައި ތާށިވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ކަނޑުމަތީގައި އުފެދުނު އެންމެ ބޮޑު ބެކްލޮގް އެވެ.

ޝިޕިންގް ކުންފުނިތަކުން ބުނާ ގޮތުގައި ދަތުރުފަތުރު ފުރިހަމައަށް ފެށޭނެ ވަގުތެއްގެ އެއްވެސް ސާފު އިޝާރާތެއް ލިބިފައި ނުވާއިރު، އިންޝުއަރެންސް ކުންފުނިތަކުން އިންޒާރު ދެނީ ހަނގުރާމަ ހުއްޓާލާފައި އޮތް ނަމަވެސް ނުރައްކާ އޮތް މިންވަރު އަދިވެސް ބޮޑު ކަމަށެވެ.

އީރާނުން ވަނީ މި މެދުކެނޑުމުގެ ފުރުސަތު ބޭނުންކޮށް، އެ ކަނޑުގެ ސަރަހައްދުގެ މައްޗަށް މީގެ ކުރިން ނުފެންނަ ފަދަ ބާރެއް ހޯދާފަ އެވެ.

ސަރަހައްދީ މެދުވެރިންނަށް އީރާނުން އަންގާފައިވަނީ ހުރިހާ ބޯޓުފަހަރެއްގެ ދަތުރުތައް މިހާރު ވިލަރެސްކުރަން ޖެހޭނީ އެ ގައުމުގެ ސިފައިންނާ ކަމަށެވެ. މިއާއެކު، ގާނޫނީ ގޮތުން އޮމާންއާ ހިއްސާކުރާ މި ކަނޑުއޮޅީގެ "ފޯރިމަރާ ފަރާތެއްގެ" ދައުރު އީރާނުން ވަނީ ނަގާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ ކަނޑުގެ ސިފައިން ދަނީ، ހުއްދަ ނެތި ދަތުރުކުރަން އުޅޭ ކޮންމެ ބޯޓެއް ނައްތާލާނެ ކަމުގެ އިންޒާރު ރޭޑިއޯ މެދުވެރިކޮށް ދެމުންނެވެ.

މި ހާލަތުގައި ފާހަގަކުރެވޭ ކަމަކީ އީރާނުން ފީ ނެގުމުގެ ނިޒާމެއް ގެންގުޅުމެވެ.

ކަނޑުއޮޅި ހުރަސްކުރަން ބޭނުންވާ ބޯޓުފަހަރުން، ކޮންމެ ބޯޓަކަށް މިލިއަނެއްހާ ޑޮލަރު ނުވަތަ ތެޔޮ ފީފާއަކަށް އެއް ޑޮލަރުގެ ރޭޓުން ފީ ދެއްކުމަށް އެދެމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ފީ ދައްކާ ބޯޓުފަހަރު އީރާނުގެ އައްސޭރިފަށާ ކައިރިން ހަނި ކޮރިޑޯއެއްގެ ތެރެއިން ހިމާޔަތުގައި ގެންގޮސްދޭއިރު، ފީ ނުދައްކާ ބޯޓުފަހަރު ތިބެން ޖެހެނީ ގަލްފުގެ ތެރޭގައި ތާށިވެފަ އެވެ.
ޑިޕްލޮމޭޓުން ބުނާ ގޮތުގައި އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތައް ނިމެންދެން އީރާނުން މި ބާރު ދޫކޮށްލާނެ ކަމަކަށް ނުބެލެވެ އެވެ.

ވޮޝިންގްޓަނުން ވަނީ އީރާނުގެ މި ހުރަސްތައް ގަބޫލުނުކޮށް، އެއްވެސް ހިފެހެއްޓުމެއް ނެތި ކަނޑުއޮޅި ހުޅުވާލުމަށް ބާރުއަޅާފަ އެވެ.
ނަމަވެސް، މަސްލަހަތު ގޯސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި، އީރާނުގެ މި ކޮންޓްރޯލަށް އަމަލީ ގޮތުން ގޮންޖަހާނެ ފަދަ ފިޔަވަޅެއް އެމެރިކާއިން އަދި އަޅާފައެއް ނުވެ އެވެ. މިވަގުތަށް ބަލާއިރު، އެ ސަރަހައްދުގެ މައްޗަށް އޮތް އީރާނުގެ ބާރަށް އެއްވެސް ހުރަހެއް ނެތެވެ.

މީގެ ސަބަބުން މުޅި ދުނިޔެއަށް ކުރާނެ އަސަރު ބޮޑެވެ. ދުނިޔޭގެ ތެޔޮ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ އާންމުކޮށް ދަތުރުކުރަނީ ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ. މީގެ ތެރެއިން ގިނަ ތެޔޮ ދަނީ އޭޝިއާގެ ބާޒާރުތަކަށެވެ.

މި މަގަށް ބުރޫއެރުން ދިގުލައިގެން ދިއުމަކީ ތެލުގެ އަގާއި، ގޭހާއި ޝިޕިންގް ހަރަދާއި، ޖެޓް ފިއުލް އިން ފެށިގެން ގަސްކާނާއާ ހަމައަށް ހުރިހާ މުދަލެއްގެ ސަޕްލައި ޗެއިނަށް އަސަރުކުރާނެ ކަމެކެވެ.

ދިވެހިރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ކުދި ގައުމުތަކަށް، މި ސަރަހައްދަށް އަންނަ ލޮޅުންތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، ތަކެތީގެ އަގު ބޮޑުވުމުގެ ނުރައްކާ އޮވެ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުން ހަމަލާތައް އީރާނުން ހުއްޓާލި ނަމަވެސް، ކަނޑުއޮޅި ނުރައްކާތެރި ފައްތަރަކަށް ވައްޓާލާފައިވާ އަސްލު މައްސަލަތަކަށް އަދި ހައްލެއް ނުލިބެ އެވެ.

އީރާނު ރައިސް ވަނީ އެތައް ފަރާތަކާ ފޯނުން މިއަދު މަޝްވަރާ ކުރައްވާފައެވެ. އަދި އީރާންގެ ޚާރިޖީ ވަޒީރު އަރާގްޗީވެސް ވަނީ ސައުދީ ޚާރިޖީ ވަޒީރާ ފޯނުން ވާހަކަ ދައްކަވާފައެވެ.

ޔަހުދީން ލުބުނާނަށް ބޮން އެޅުމުގެ ސަބަބުން ދުނިޔޭގެ އެންމެ މުހިންމު ކަނޑުދަތުރުފަތުރުގެ މަގު އޮތީ ނާޒުކު ހުއްޓުމެއްގައެވެ.

ހިއްސާ ކުރައްވާ!