އިރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، މަޝްވަރާތައް ފެށުމުގެ ކުރިންވެސް އެއްބަސްވެފައިވާ އޮނިގަނޑުގެ ތިން މުހިންމު މާއްދާއަކާ ސޮލީބީންނާއި ސަހުޔޫނީން ޚިލާފުވެފައިވާ ކަމަށެވެ. މިފަދަ ހާލަތެއްގައި ދެފަރާތުން ހަނގުރާމަ ހުއްޓާލުމަކީ ނުވަތަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގާލިބާފް ވިދާޅުވި ގޮތުގައި، އިރާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ޑްރޯންއެއް ފާރްސް ޕްރޮވިންސްގެ ލާރް ސިޓީން ވަނީ ގޮއްވާލާފައެވެ. މިއީ އިރާނުގެ ވައިގެ ސަރަހައްދަށް އިތުރު އުދުވާނެއް ނުހިންގުމަށް އެއްބަސްވެފައިވާ މާއްދާއާ ކަނޑައެޅިގެން ޚިލާފުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ލުބުނާނަށް ދެމުންދާ ހަމަލާތަކާއި، އިރާނަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު ނިގުޅައިގަތުމަކީވެސް އެއްބަސްވުމުގެ މުހިންމު މާއްދާތަކާ ޚިލާފު އަމަލުތަކެއް ކަމަށް ގާލިބާފް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގަކީ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެއްކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
"މި މަރުހަލާ ފެށުނީއްސުރެ އަޅުގަނޑުމެން މިކަމާ މެދު ބަލަމުން އައީ އެވެރިންގެ އިތުބާރެއް ނެތް ގޮތެއްގައި،" ގާލިބާފް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އުންމީދު ކުރި ފަދައިން އެމެރިކާއިން ވަނީ މަޝްވަރާތައް ފެށުމުގެ ކުރިންވެސް އެ ގައުމުން ވެފައިވާ ވައުދުތަކާ އަނެއްކާވެސް ޚިލާފުވެފައެވެ.
އެއްބަސްވުމުގެ އަސާސީ އޮނިގަނޑާ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވަމުންދާ ދަނޑިވަޅެއްގައި، މަޝްވަރާގެ މޭޒަށް ދިއުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ވިދާޅުވެ، ގާލިބާފް ވަނީ އެމެރިކާގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


